ބަސްނުވިކޭ އޮޑިއެއްގެ ދިރުބާކޮޅުގައި ހުންނަވަން ބޭނުން ނުވާ ކަމަށް ވިދާޅުވެ ކ. މާފުށީ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ މަގާމުންނާއި ކައުންސިލް މެމްބަރުން ކަމުން އިސްތިއުފާ ދެއްވައިފިއެވެ.
މުސްތަފާ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ މާފުށީ ކައުންސިލްގެ ރައީސްކަމުގެ މަގާމުގައި އޭނާ ހޭދަ ކުރެއްވި މުއްދަތުގައި މާފުށީގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެވިފައިވާކަން ގާބޫލު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
ނަމަވެސް މާފުށީ ކައުންސިލުގައި ރައްޔިތުންނާއި ހާއްސަކޮށް ޒުވާނުންނަށް ބޯހިޔާވަހި ކަމާއި އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތްކުރި ކޮންމެ ފަހަރަކު ސަސްޕެންޑްކޮށް މުސާރަ ނުލިބޭ ގޮތަށް ގޭގައި ބަހައްޓާފައިވާ ކަމަށް މުސްތަފާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މުސްތަފާ ވިދާޅުވެފައިވާ ގޮތުގައި ދައުލަތަށް އެންމެ ގިނަ އާންމުދަނީއެއް ވައްދާ ރަށަކަށް މާފުށި ވީނަމަވެސް މާފުއްޓަށް ލިބެންޖެހޭ ޒަމާނީ ތަރައްގީގެ އެއްވެސް މިންވަރެއް ދައުލަތުން މާފުއްޓަށް ހާސިލް ކޮށްދީފައި ނުވެއެވެ.
އެހެން ކަމުން މާފުށީ ކައުންސިލްގެ ރައީސްގެ ހައިސީއްޔަތުން އަދާކުރަން ޖެހޭ މަސްއޫލީއްޔަތު އަދާކުރެވޭފަދަ މާހައުލެއް މި ސަރުކާރުގައި ނެތްކަމަށް ގަބޫލު ކުރެވޭތީއާއި ލޯކަލްކައުންސިލްގެ އެންމެހައި ބާރުތައް ހިސޯރުކޮށްފައިވުމުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްނުދެވޭފަދަ ހާލަތެއްގައި ބަސްނުވިކޭ އޮޑިއެއްގެ ދިރުބާކޮޅަށް އަރާ ހުންނަން ބޭނުނުވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.