ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއުރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންއާއި ރައީސް މައުމޫން ފެކްޝަންގެ ނައިބް ރައީސް އައިމިނަތު ނާދިރާ ޕީޕީއެމް އިން ވަކިކުރި މައްސަލަ އެ ޕާޓީގެ ޢައިރު ހާޒިރުގައި ކުރިއަށް ގެންދަން ސިވިލް ކޯޓުން ނިންމައިފިއެވެ.
ޕީޕީއެމްގެ ޢައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަން ސިވިލް ކޯޓުން ނިންމީ އެ މައްސަލަ ކޯޓަށް ހުށަހެޅީއްސުރެން މިއަދާ ހަމައަށް ވޭއްވި އެއްވެސް ޝަރީޢަތަކަށް ޕީޕީއެމް އިން ހާޒިރުވެފައި ނުވާތީ އެ މައްސަލައިގައި ބުރާސްފަތި ދުވަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައެވެ.
ބުރާސްފަތި ދުވަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި ފާރިސްއާ ނާދިރާގެ ފަރާތުން ވަނީ ބަޔާން ހުށަހަޅާފައެވެ. އަދި ފަރީސްއާއި ނާދިރާ ޕީޕީއެމް އިން ވަކިކުރި މައްސަލައިގައި ފާރިސްއާއި ނާދިރާގެ ފަރާތުން ހެކި ހުށަހެޅުމުގެ ފުރުސަތު ވެސް ކޯޓުން ވަނީ ދީފައެވެ.
މިދިޔަ އަހަރުގެ ޖުލައިމަހު ފާރިސް މައުމޫނު ޕީޕީއެމުން ވަކިކުރީ އިއުލާން ކުރުމެއް ނެތި ޓޫރިޒަމްގެ މަސައްކަތްތަކަށް ރާއްޖޭގެ ރަށްތައް ކުއްޔަށް ދޫކުރާ އިސްލާހު ފާސްކުރަން ތްރީ ލައިން ވިޕެއް އެޕާޓީން ނެރެފައި ވަނިކޮށް، އެ ނިންމުމާ އޭނާ ހިލާފުވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަށް ހާޒިރުވެވަޑައިގެން އިންނަވައި ފާރިސް ވޯޓު ދެއްވީ ބިލް ފާސްކުރަން ނުފެންނަ ކަމަށެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ފާރިސް ޕާޓީން ވަކިކުރަން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް މައުމޫނު ވަނީ ފާރިސް އެޕާޓީން ވަކިނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.