Advertisement
ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 19:48
ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް
ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް
ގޫގުލް
ޖިންސީ ގޯނާ
ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި އަންހެނަކު 18 އަހަރަށް ޖަލަށް
އެ ކުށުގެ އަދަބަކީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
އެ ކުއްޖާއާއެކު ޖިންސީ އަމަލު ހިންގުމަށް މީހަކަށް ހިތްވަރު ދީފައިވޭ

ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި މައްސަލައެއްގައި އަންހެނަކު 18 އަހަރަށް ޖަލަށް ލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

 

ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި މައްސަލަ ސާބިތުވެ ޖަލަށް ލާން ހުކުމް ކޮށްފައިވަނީ، ހދ. ކުޅުދުއްފުށީ، ޕެންޒީމާގޭ، ނަސީމާ އަލީގެ މައްޗަށެވެ.

 

ނަސީމާ އަލީގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

 

ނަސީމާގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ 2014 ވަނަ އަހަރުން ފެށިގެން ތަފާތު އެކި ދުވަސްތައް މަތިން އެ ކުއްޖާއާއެކު ޖިންސީ އަމަލު ހިންގުމަށް މީހަކަށް ހިތްވަރު ދީފައިވާ ކަމަށެވެ.

 

ނަސީމާ 18 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.

 

އެ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ ލައްވައި، ޖިންސީ އަމަލެއް ހިންގުވައިފިނަމަ އެ ކުރަނީ ކުށެއް ކަމަށެވެ. އަދި (ށ) ގައި ބުނެފައިވަނީ އެ ކުށުގެ އަދަބަކީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް