އަޅުގަނޑުމެން މުސްލިމުން ދިމާވާ ކޮންމެ ހިތްދަތި ނުވަތަ އުނދަގޫކަމަކަށް ކެތްތެރިވެ އީމާންކަންމަތީ ދެމި ތިބެން ވާނެއެވެ. އަދި ދިމާވާ ދެރަތަކުން މިންޖުވުމަށް ވެސް މާތް ﷲ ހަޟްރަތަށް ދުޢާ ކުރަން ޖެހެއެވެ. ނަފްސާނީ ބަލި ހުރި މީހަކު ވެސް އަދި ނުހުންނަ މީހަކު ވެސް މިފަދައިން ކަންތައް ކުރަން ޖެހެއެވެ.
ބައެއް ފަހަރު ނަފްސާނީ ބަލި ހުންނަ މީހުން ބައްޔަށް ފަރުވާ ނުހޯދާ އެކަމަށް ކެތްތެރިވެ ދުޢާކޮށްލައިގެން އެތައް ދުވަހެއް ބަލީގައި ތަހައްމަލް ކުރާ ތަން ފެނެއެވެ. ނަމަވެސް ހުން އަންނަ މީހާ ހަމައެކަނި ކެތްތެރިވެ، ދުޢާ ކޮށްލައިގެން ރަނގަޅުވާ ތަން ފެނޭ ހެއްޔެވެ؟ ނުވަތަ ކެންސަރު ބަލި ފަދަ ބައްޔެއް ކުރިމަތިވުމުން އެކަމަށް ފަރުވާ ނުހޯދާ ހަމައެކަނި މާތް ﷲ އަށް ވަކީލު ކޮށްލައިގެން ތިބޭ މަންޒަރު ފެނޭ ހެއްޔެވެ؟ ބަލިތަކުން ޝިފާ ދެއްވަނީ ހަމައެކަނި ﷲ ސުބަހާނަހޫ ވަތައާލާކަން ވެސް ހަނދުމަ ކުރުމާއެކު އިސްލާމް ދީނުގައި ވެސް ކޮންމެ ކަމެއްގައި ވެސް ސަބަބު ތަކުގައި ހިފުމަށް އޮވެއެވެ. ވުމާއެކު ނަފްސާނީ ބަލި ހުންނަ މީހަކު ދީނީ ގޮތުން ވެސް ބަލިން ސަލާމަތްވުމަށް މަސައްކަތް ކުރުމާއެކު ސިއްހީ މާހިރެއްގެ ލަފާ ވީ އެންމެ އަވަހަށް ހޯދަން ޖެހެއެވެ.
ބައެއް މީހުންނަށް ހީވާ ގޮތުން ނަފްސާނީ ބަލިތައް މީހަކަށް ކުރިމަތިވަނީ، އެމީހެއްގެ އަގީދާ ބަލިކަށިވެ ނުވަތަ އީމާންތެރިކަން ކުޑަވުމުންނެވެ. ނަމަވެސް އެއީ ކުރެވޭ ވަރަށް ބޮޑު ކުށްހީއެކެވެ. އެހެންކަމުން އެފަދަ ބައްޔެއްގެ ޝިކާރައަކަށްވާ މީހާ އަށް ގިނަފަހަރު ދެވޭ ނަސޭހަތަކީ ގިނަގިނައިން ދުއާކޮށް ގުރުއާން ކިޔަވާލުމަށެވެ. ނަމާދުކޮށް ޒިކުރުކޮށް މި ނޫން ވެސް ދީނީ އަޅުކަންތަކުގައި ދެމިހުރުމަށެވެ. ތެދެކެވެ. މިހުރިހާ ކަމެއް ވެސް ކުރަން ވާނެއެވެ. މިއާއެކު ސިއްހީ މާހިރެއްގެ ލަފާ ހޯދަން ޖެހެއެވެ.
ނަފްސާނީ ބަލި ޖެހެނީ ހަމައެކަނި ދިރިއުޅުމުގައި ދިމާވާ ބޮޑު ހިތާމައެއް ތަހައްމަލު ކުރަން ޖެހިފައިވާ މީހަކަށް އެކަންޏެއް ނޫނެވެ. އެމީހާ އަކީ ދުނިޔޭގައި ކިތަންމެ ކާމިޔާބު މީހަކަށް ވިޔަސް އޭނާއަށް ވެސް ނަފްސާނީ ބައްޔެއް ތަހައްމަލް ކުރަން ޖެހިދާނެއެވެ. އަދި ގެދޮރު ގިނަ، ފައިސާ ވެރިޔަކަށް ވިޔަސް، އަދި އާއިލާގެ އެންމެންގ ލޯބި ލިބިފައިވާ މީހަކަށްވެސް ނަފްސާނީ ކަމެއް ކުރިމަތި ވެދާނެއެވެ. އަދި މި ބައްޔަކީ ވަކި ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުމުން ދިމާވާ ކަމެއް ކަމަށްދެކޭ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް މިއީ މުޅިން ވެސް ކުށްހީތަކެކެވެ.
ނަފްސާނީ ބައެއް ބަލިތަކުގެ ތެރެއިން ސްކިޒޯފްރޭނިއާ، އީޓިންގް ޑިސްއޯޑަރ، ޑިޕްރެޝަން އަދި އެންޒައިޓީ މިއީ ރާއްޖޭގައި ވެސް އާއްމު ބަލި ތަކެކެވެ. ނަމަވެސް މި މައުލޫމާތުތައް މީހުންނަށް އިނގޭ މިންވަރު ވަރަށް ވެސް މަދެވެ. ގިނަ ފަހަރަށް ސްކިޒޯފްރޭނިއާ ޖެހިފައިވާ މީހަކަށް އެހެން މީހުންނަށް ނުފެންނަ އެއްޗެހި ފެނި އަޑުއަޑު އިވޭނެއެވެ. އެހެންކަމުން ނަފްސާނީ ބަލިތަކުގެ މައުލޫމާތު ނޭނގޭ އާއިލާތަކުން ގިނަ ފަހަރަށް އެހީ ހޯދަނީ ފަންޑިތަ ހަދާ މީހުންގެ ފަރާތުންނެވެ. ނަމަވެސް ދީނުގައި ފަންޑިތަ ހެދުމަކީ ހަރާމް ކަމެކެވެ. ދެން ބައެއް މީހުން ރުގްޔާ ކުރާ މީހުންގެ އެހީ ވެސް ހޯދައެވެ. ނަމަވެސް މިއީކީ ހައްލެއް ނޫނެވެ. މި ބައްޔާ ބެހޭ ގޮތުން މައުލޫމާތު ހޯދާ އިތުރަށް ދިރާސާ ކުރަން ޖެހެއެވެ. ބަލީގައި ދިމާވާ ކަންތައްތަކުން އަރައިގަތުމަށް ކުރެވޭނެ މަސައްކަތަކީ ކޮބައިތޯ ބަލާ ހޯދަން ޖެހެއެވެ. އެންޒައިޓީ ފަދަ ބަލިތަކުގައި އަބަދުވެ ވަރުބަލި ވުމާ ހާސްވުމާއެކު ގިނަގިނައިން ނިދަން ބޭނުން ވުމުން އެއީ ކަންނެތް މީހެއްގެ ގޮތުގައި އެމީހަކު ލޭބަލް ކުރެވެއެވެ. ނަމަވެސް މިއަދު ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަސް ފާހަގަ ކުރެވެމުންދާއިރު މިކަންކަމާ ބެހޭ މައުލޫމާތު އެނގުން މުހިއްމެވެ. އަދި އެހެން މީހުންނާއި އެ މައުލޫމާތުތައް ހިއްސާ ކުރުމަކީ ފަރުދީ ޒިންމާއެކެވެ.
ތިމާގެ އެންމެ ގާތުގައިވާ ތިމާގެ ދައްތަ، ކޮއްކޮ ނުވަތަ އެންމެ ގާތް އެކުވެރިޔާ އަކީ ވެސް ނަފްސާނީ ބަލިމަޑު ކަމެއްގެ ޝިކާރައަކަށް ވެފައިވާ މީހަކަށް ވެދާނެއެވެ. ކޮންމެ މީހެއްގެވެސް މިޒާޖާ އުޅުމަށް ރަނގަޅަށް ފަރުވާތެރިވެ ބަލާށެވެ. ނަފްސާނީ އެއްވެސް މައްސަލައެއް ހުރިތޯ ނުވަތަ ނޫންތޯ ޔަގީން ކުރާށެވެ. އަދި އެމީހަކަށް އަޅާލާ އެހީވާށެވެ. ނުވަތަ އަމިއްލައަށް ވެސް މިފަދަ ބައްޔެއްގެ އަލާމާތްތައް ފެނޭތޯ ބަލާށެވެ. އަދި ހިތްވަރާ އެކު އެކަމާ ކުރިމަތިލާށެވެ. ނުވަތަ އިތުބާރު ކުރެވޭ ފަރާތަކާ ހިއްސާ ކޮށްލާށެވެ. އެކަކު އަނެކަކަށް އަޅާލާއި އޯގާތެރިވާށެވެ.