ކ. މާލެ
|
27 ނޮވެންބަރ 2023 | ހޯމަ 18:54
ރައީސް ޑރ. މުހައްމަދު މުއިއްޒު - ގްރެފިކްސް ރާއްޖެ އެމްވީ / ފޮޓޯ
ރައީސް ޑރ. މުހައްމަދު މުއިއްޒު - ގްރެފިކްސް ރާއްޖެ އެމްވީ / ފޮޓޯ
މިހާރު
އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުން
މުއިއްޒެވެ! އިންޑިޔާ ސިފައިންނާހެދި އިއްޔެ ގެއްލެންދިޔަ މިނިވަންކަމުގައި މިއަދު "ކޮމާއެއް" ޖެއްސެވީތޯއެވެ؟
 
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، އެންމެ ގިނައިން ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލެނީކަމަށް
 
އިންޑިޔާގެ ސިފައިންގެ އަދަދަކީ 77 ކަމަށް ސަރުކާރުން ބުނޭ
 
އިންޑިޔާ ސިފައިންގެ މައްސަލަވެސް، ޗާގޯސް މައްސަލަވެސް އޮތީ ދިރާސާ ކުރުމުގެ މަރުހަލާގައިކަމަށް ސަރުކާރުން ބުނޭ

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ މައިގަނޑުގޮތެއްގައި ޖުމްލަ 3 ކަމެއްގެ ވައުދުފުޅަކާއެކު އޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. އޭގެތެރޭގައި ހިމެނޭ ފުރަތަމަ ކަމަކީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރެއްވުމެވެ. މާނަައަކީ، ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމެވެ. އޭގެފަހުން ގެއްލުނުކަމަށް ބުނާ ކަނޑު ހޯއްދެވުން ހިމެނޭއިރު، ދެން އޮތީ ރައީސް ޔާމީން މިނިވަން ކުރެއްވުމެވެ. އެ ތިން ކަމުގެ ފަހަށް ރާއްޖޭގެ އިގުތިސާދާ އަދި އެނޫންވެސް ކަންކަން ދެން ހުރީއެވެ.

އެ ތިން ވައުދުފުޅަކީ ކެމްޕޭނުގެ ހުރިހާ ޖަލްސާއެއްގައިވެސް، އިންޓަވިއުއެއްގައި ވެސް، އަދި އާންމު ވަކިވަކި ރައްޔިތުންނާ ބައްދަލުކުރެއްވިއިރު ވެސް ވިދާޅުވި ލަވައެވެ. އެ ލަވައިގެ ރާގަކަށް އޭރު ބަދަލެއް ނާދެއެވެ. ވިދާޅުވީ އެ ތިން ކަންތައް ފަސޭހައިން ކުރައްވާނެ ވާހަކައެވެ. އެ ތިން ވައުދުފުޅުގެ ތެރެއިން، ރައީސް ޔާމީނާގުޅޭ ވައުދުފުޅު ނުފުއްދުނެވެ. އެކަން އޮތީ ޝަރުއީ ދާއިރާގެ އަތުގައެވެ. އެހެންނަމަވެސް ބާކީ އޮތް ދެ ވައުދުފުޅު އަދިވެސް ރައީސަށް ފުއްދެވިދާނެއެވެ.

އެހެންނަމަވެސް، ހުރިހާ ކަމެއް ހާމަކުރައްވާނެ ކަމަށް، ކުރައްވާނެ ކަމަށް ވިދާޅުވި ރައީސްގެ ވެރިކަމަށް 10 ދުވަސް ފަހަނައަޅައި ދިޔައިރު، ރައްޔިތުންގެ މިސްރާބު މި އޮތީ ގެދޮރުވެރިކަމާ ދިމާއަށް ބަދަލުވެއެވެ. މިނިވަންކަމުގެ ވާހަކައިން ރައްޔިތުންގެ މިސްރާބު ބަދަލު ކޮށްލައްވައިފިއެވެ. އިންޑިޔާ ސިފައިންގެ އަދަދު ހާމަކުރެއްވި ނަމަވެސް، އެ ސިފައިން ރާއްޖެއިން ފޮނުވާލައްވާނެ ކަމަށް ކެމްޕޭނުގައި ވިދާޅުވި ލަވަހާ ފަސޭހައިން އަދި އެކަމެއް ނުވެއެވެ. ޗާގޯސްގެ މައްސަލާގައި، ގެއްލުނު ކަމަށް ބުނާ ކަނޑުގެ ވާހަކައެއް އަދި ނުވެސް އެނގެއެވެ. އެ ވާހަކަ ދެއްކެވި، ސަރުކާރުގެ ބޭފުޅަކު ނެތެވެ. މިއަދު އެ ދެކަންތައް ފަސްއަޅައި ފޮރުއްވަނީ ކޮން ބޭނުމަކުތޯއެވެ؟

އިންޑިއާ އައުޓް ކެމްޕޭން - ރާއްޖެއެމްވީ

ރައީސް މުއިއްޒު ވެރިކަަމަށް ވަޑައިގެންނެވި ފަހުން، އިންޑިޔާގެ ސިފައިންގެ މައްސަލާގައި، ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން ފޮނުއްވާލެއްވުމަށް އިންޑިޔާގެ ސައިންސް މިނިސްޓަރުގެ އަރިހުން އެދިވަޑައިގަތެވެ. އަދި އޭގެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގައި ތިބީ ޖުމްލަ 77 އިންޑިޔާގެ ސިފައިން ކަމުގައި ރައީސް އޮފީހުން ފާހަގަކުރިއެވެ. އެހާ ހިސާބުން އެކަން އެ އޮތީ މަޑުޖެހިފައެވެ. ކެމްޕޭނުގެ ތެރޭގައި ދެއްކެވި ބަހަނާ، ރާއްޖޭގައި ތިބި ސިފައިންގެ އަދަދު ހާމަކުރުމާއެކު، އެ މީހުން ބޭރުކުރުމުގެ މަސައްކަތަށް މިއަދު ހުއްޓުން އަރައިފިއެވެ. އެއްބަސްވުންތައް ދިރާސާކޮށް، މަޝްވަރާކުރަން ވަގުތު ބޭނުންވާތީއެވެ. އެހެންވީމާ އެ ދުވަހު ގެއްލުނުކަމަށްވާ ނުވަތަ ގެއްލެންދިޔަ މިނިވަންކަން ވެސް މިއަދު ގެއްލުމުގައި "ކޮމާއެއް" އެއް ޖެއްސެވީތާއެވެ.

ހާދަހާ ހެއްވާ ކަމެކެވެ. ރައީސް މުއިއްޒު އެ ގެންގުޅުއްވާ އުސޫލުން ކަމުގައި ވަނީނަމަ، ޕޯޗުގީޒުންނާ ދެކޮޅަށް މުހައްމަދު ތަކުރުފާނާއި އެ ޓީމު ކުރެއްވި ޖިހާދުގައި އަނދިރި އަނދިރިންނާ ކުރިމަތިލައްވައި އެ މީހުން މިގައުމުން ބޭރުކުރެވޭނެ އުސޫލަކާމެދުގައި ކުރައްވާނީ މަޝްވަރާއެއް ނޫންތޯއެވެ. 1965 ވަނަ އަހަރު އިނގިރޭސީން ރާއްޖެއިން ފޮނުއްވާލެއްވުމަށްޓަކައި، އޭރުގެ ރައީސް އިބްރާހީމް ނާސިރުވެސް، މަޝްވަރާ ކުރެއްވުމަށް އިނގިރޭސިން އެރުވި ދައުވަތު ގަބޫލުކުރައްވައި މަޝްވަރާ ކުރައްވަން ފުރުސަތު ދެއްވީސްތާއެވެ. އެހެންނަމަވެސް، ހަގީގީ މިނިވަންކަން ގެއްލުމުން އެ މިނިވަންކަން ހޯދުމަށް (ރާއްޖޭގެ ތާރީޚުން ދައްކައިދެނީ) މަޝްވަރާކޮށް ދިރާސާ ކުރުމަށް ވަގުތު ނަގާ މަންޒަރެއް ނޫނެވެ. އެ މިނިވަންކަން ދިފާއުކުރި ތަނެވެ.

މިއަދުވެސް ރައީސް އޮފީހުން އެ މައުލޫމާތު ސާފުކުރުމުން ލިބުނީ، އެއްބަސްވުންތައް ދިރާސާކުރުމާއި އިންޑިޔާއާ މަޝްވަރާކުރުމަށް އަދި ވަގުތު ބޭނުންވާ ވާހަކައެވެ. އިންޑިޔާއާއެކު 100އަށްވުރެ ގިނަ އެއްބަސްވުން ހެދިފައި ހުރުމާއެކު، އެ އެއްބަސްވުންތައް ދިރާސާކުރުމަށް ގިނަ ވަގުތު ބޭނުންވާނެ ވާހަކައެވެ. އެހެންކަމުން، އިންޑިޔާގެ ސިފައިން ރާއްޖެއިން ފޮނުވާލެވޭނެ ސީދާ ދުވަހެއް އަދި ބުނަން ނޭނގޭކަމެވެ. ގައިމު މިއީ ގެއްލިގެންއުޅޭ މިނިވަންކަމެއް، ހޯދަން މަސައްކަތްކުރަންވީ އަވަސްމިންތޯއެވެ؟ މިއީ އެހާ ފަސޭހައިން އެކަން ކުރެއްވޭނެކަމަށާއި، ކުރީގެ ސަރުކާރުން ގައުމަށް ޚިޔާނަތްތެރިވި ކަމަށް ވިދާޅުވި ބޭފުޅުންގެ މަސައްކަތް ހުންނަންވީ ގޮތްތޯއެވެ؟

ޗާގޯސް - ރާއްޖެއެމްވީ

ދެން އޮތީ ރާއްޖެއިން ގެއްލުނުކަމަށް ބުނާ ކަނޑު ހޯދުމުގެ މަސައްކަތެވެ. އެ މަސައްކަތްވެސް އޮތީ ދިރާސާ މަރުހަލާގައި ކަމަށްވެއެވެ. އެއްބަސްވުންތަކާއި ކަންހިނގި ގޮތް ބަލަނީ ކަމަށްވެއެވެ. އެއީ ވެރިކަން ލިބުނުފަހުން އެކަމެއް ހިނގަންފެށި ގޮތެވެ. ވެރިކަމުގެ ދެތިން ދުވަހުގެ ތެރޭގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ބީދައިން، މިއަދުވެސް އެ މަސައްކަތް އޮތީ އެ ދުވެލީގައެވެ.

ރައްޔިތުންނަށް ބޮޑު ހުވަފެނެއް ދައްކަވައިގެން ވެރިކަމަށް ވަޑައިގެންނެވުމުން، ދެން އަވަހަށް އެކަން ކުރައްވަންވީ ނޫންތޯއެވެ! މިނިވަންކަން އިއާދަކުރުން ނޫން މުހިންމީ ދެން އިތުރު ކޮން ކަމެއް ތޯއެވެ؟ ބޮޑު ދިދައިގެ ދަށުގައި ހުންނަވައިގެން، ކުރެއްވި މަތިވެރި ހުވާގެ ދަށުން، އަވަހަށް އިންޑިޔާ ސިފައިން ރާއްޖެއިން ބޭރުކުރައްވަންވީ ނޫންތޯއެވެ! ޔަގީންވާ އަދަދު 77ށް ވާނަމަ، އެ 77 ސިފައިން ފޮނުވާނުލެއްވިގެން އުޅުއްވަނީ ކީއްވެތޯއެވެ. ނުވަތަ، އިއްޔެ ގެއްލުނު މިނިވަންކަން މިއަދު "އޯކޭ" ވީތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް