އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ، ރައްޔިތުންގެ ހައްޤުގައި، ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވާކަމަށް ނިންމައި، 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، 20 އަހަރަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، އިމްރާން ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ 2015 މޭޑޭގައި އެތަށް ބައިވަރު ރައްޔިތުންނަށް މަގުމައްޗަށް ނިކުމެ ދެއްކި ވާހަކަ އަކީ، ރައްޔިތުންގެ މުއްސަނދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުހައްޤުން ބޭނުން ކުރަމުންދާ ވާހަކަ ކަމަށެވެ. މިއަދު އެކަމުގައި ޝާމިލްވި ފަރާތްތަކުގެ އިއުތިރާފާއެކު، ޝަރީއަތުން އެކަންކަން ސާބިތުވަމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން އިޝާރަތް ކުރައްވާފައި އެވަނީ އަދީބްގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް، އިއުތިރާފްވާ ކަމަށް ޝަރީއަތުގައި އަދީބް ވިދާޅުވި ވިދާޅުވުމަށެވެ.
މިނިސްޓަރ އިމްރާން އިތުރަށް ވިދާޅުވީ އެ ދުވަހުގެ ހާލަތާއި، މިއަދުގެ ހާލަތު ވަޒަންކޮށްލީމަ، ހިތަށް އަރަނީ މާތް ﷲ ގެ ކުޅަދުންވަންތަކަން ކަމަށެވެ. އަދި އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
ހޯމަ ދުވަހު ހެނދުނު ބޭއްވި އަވަސް ނިޔާގެ ޝަރީއަތުގައި ވެސް އަދީބު އަރިހުން، ގާޒީ ވަނީ އިއުތިރާފުގެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާން ބޭނުންވޭތޯ އައްސަވާފައެވެ. އަދީބު ވިދާޅުވެފައިވަނީ ބޭނުންވަނީ އިއުތިރާފްގެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާން ކަމަށެވެ. އެހެންކަމުން ދައުލަތުގެ ގާނޫނީ ވަކީލުން ވަނީ އިއުތިރާފްގެ އެއްބަސްވުމާ އެއްގޮތަށް، އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އަންނާނެ އަދަބުތައް ވަކިވަކިން ޝަރީއަތަށް އިއްވާ ދެއްވާފައެވެ.
ކޮންމެ ދައުވާއެއްގެ ހުކުމް ވަކިވަކިން އިއްވިއިރު، ރަށްތަކާއި ފަޅުތަކުގެ މުއާމަލާތްތައް ގިނަކަމުން ކޮންމެ ހުކުމެއް އިއްވަން ބައި ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި އެވެ.
އަދީބުގެ މައްޗަށް ކުރި ދައުވާތަކާއި އަދަބުތައް:
- ޚިޔާނާތްތެރިވުމުގައި ބައިވެރިވުން: 4 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށް
- ޚިޔާނާތްތެރިވުމުގައި ބައިވެރިވުން: 2 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށްލުން
- މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން: 6 މަސް ދުވަހަށް ޖަލަށްލުން
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން: 3 މަހަށް ޖަލަށްލުން
- މަނީ ލޯންޑަރ ކުރުން: 5 އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށްލުމާއެކު 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުން
- މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން: 1 މަހާއި 15 ދުވަހަށް ޖަލަށްލުން
- މަނީ ލޯންޑަރ ކުރުން: 5 އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށްލުމާއެކު 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުން