މިފަހަކަށް އައިސް ރާއްޖޭގެ ރަށްތަކަށް އުދަ އަރާ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ މިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެކަމާއި ގުޅޭގޮތުން ސައިންޓިފިކް ދިރާސާއެއް މިހާރު ހަދަމުންދާ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މާވަށު ދާއިރާ ގެ މެންބަރު މުޙައްމަދު ސަޢީދު ވަނީ ދާދި ފަހުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރާގައި އުދަ އަރާ އެންމެ ބޮޑަށް ގެއްލުންވި ރަށްތަކުގެ ތެރޭގައި ލ. މާވަށް ހިމެނޭތީ އެ ރަށުގެ އުދައަރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ފެށޭ ތާރީހެއް އޮޅުން ފިލުވުމަށް ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ ޖުލައި މަސް ތެރޭގައި ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް އުދައިގެ އަސަރުކޮށް ރަށްތަކުގައި ފެން ބޮޑުވި ކަމަށެވެ. އޭގެތެރެއިން އެއް ރަށަކީ މާވަށު ކަމަށާއި އެކަން ހައްލު ކުރުމަށް ކައުންސިލަށް ފެންނަ ގޮތާއެކު ސިޓީއެއް ލިބިވަޑައިގަންފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މިގޮތަށް ރަށްރަށަށް އުދައެރުމަކީ ޒަމާނުއްސުރެވެސް ހިނގަމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް މިކަންތައް މާ އަވަސް އަވަހަށް އަދި ލިބޭ ގެއްލުމުގެ އަސަރު މާބޮޑުވާ ގޮތަށް މިފަހަކުން ހިނގަމުން އަންނަ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މިކަމަކީ ބައިނަލްއަގްވާމީ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމެއް ކަމަށާއި އެހެންކަމުން ކަން ހިނގާގޮތް ރަނގަޅަށް އެނގިގެން ނޫނީ އެކަމަށް ފިޔަވަޅު އަޅައިގެން ރަނގަޅު ނަތީޖާތަކެއް ނިކުމެދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މިކަން ހިނގާދިޔަ ގޮތާއި އަދި ހައްލު ހޯދުމަށް މާވަށަކަށް ނޫން އެހެން ރަށްރަށުގައިވެސް ހައްލު ހޯދުމަށް މިހާރުވެސް ސައިންޓިފިކް ރިސަރޗްތަކެއް ހަދަމުންދޭ. އެންވަޔަރަންމަންޓް މިނިސްޓްރީގައި އެބައޮތް އަންޕަބްލިޝް ޕޭޕަރެއް މިޙާރުވެސް ރަށްތަކެއް މިގޮތަށް ދިމާވާ ސަބަބުތަކާމެދު ކޮށްފައިވާ. ޝޯވ ޕްރޮޓެކްޝަން ނިމޭނެ ތާރީޚެއް އަދި ބުނަން މާ އަވަސް. އެހެންނަމަވެސް މިފަދަ ހާދިސާތަކުގައި ދޭނެ އިންޖިނިއަރިން ސޮލިޔުޝަނެއް ދޭން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދަނީ. އެކަންތައް ބަލާފައި ނޫނީ ދާއިމީ ހައްލެއް ދެވޭނެކަމަށް ނުދެކެން. އެހެންނަމަވެސް ވަގުތީ ހައްލުތަކެއް ހޯދައިދެވޭ.މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
މީގެ އިތުރުން މާވަށުގެ ބިން ހިއްކުމަށްޓަކައި ކުރަން ޖެހޭ ސާވޭ ނިމި ކުރެހުންތަކަށް ކައުންސިލުގެ ރުހުން ވެސް ލިބިފައިވާތީ މާވަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ތާރީހަކީ ކޮބައިކަން އޮޅުން ފިލުވުމަށް ސައީދު އެއްސެވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަދަން ޖެހޭ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންނަމަވެސް އަމަލީ މަސައްކަތް ފެށުމުގައި ބަޖެޓްގެ ދަތިކަން އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.