Advertisement
ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 00:43
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް
ރާއްޖެ އެމްވީ
ޤާސިމް އިބްރާހިމް
ޤާސިމްގެ މައްޗަށް ކުރަނީ ބާރުބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ތުޙުމަތު
ތުޙުމަތުކުރަނީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގެރޭ މ. ކުނޫޒުގައި ދެއްކެވި ވާހަކަފުޅާކާއި ގުޅިގެން
ކޮރަޕްޝަންގެ ތުޙުމަތާއި ގުޅިގެން ސުވާލެއް ނުކުރޭ
ސާބިތުވެވަޑައިގެން ހުންނަވާނެ ކަމަށް ވިދާޅުވި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްގެ މައްޗަށް ރަޔަޓް  ކުރުން ނުވަތަ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ހިތްވަރު ދިނުމުގެ ތުޙުމަތު ފުލުހުން ކޮށްފިއެވެ.

ބުދަ ދުވަހު ފުލުހުންގެ އިދާރާއަށް ޤާސިމް އިބްރާހިމް ހާޒިރުކޮށް، ޤާނޫނުލް ޢުޤޫބާތުގެ 610 ވަނަ މާއްދާގެ (ހ) ގެ ދަށުން ތުޙުމަތު ކުރުމަށްފަހު ފުލުހުން ޤާސިމް އާއި ސުވާލުކޮށްފައިވަނީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގެރޭ މ. ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ޤާސިމް ދެއްކެވި ވާހަކަފުޅާއި ގުޅޭގޮތުންނެވެ.

ޤާނޫނުލް ޢުޤޫބާތުގެ 610 ވަނަ މާއްދާގެ (ހ) ގައި ވަނީ؛ ރަޔަޓްކުރުމާއި ނުވަތަ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ހިތްވަރު ދޭ މީހާއާއި، އެއިން ކަމަކަށް އެހީތެރިވެދޭ މީހާއާއި، އެއިން ކަމެއް ކުރާ މީހާ، އެކުރަނީ ކުށެއް ކަމަށެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށްފަހު ޤާސިމް ވިދަޅުވީ، ކުނޫޒުގައި ޤާސިމް ދެއްކެވި ވާހަކަފުޅުތަކާއި ގުޅޭގޮތުން ފުލުހުން ސުވާލު ކުރެއްވި ކަމަށާ، ޤާނޫނުގެ ތެރެއިން ފުލުހުން ކުރައްވަން ޖެހޭ މަސައްކަތެއް ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކިލައްވާ ކަމަށެވެ.

"ޤާނޫނީ ގޮތުން އެބޭފުޅުން ކުރައްވަން ޖެހޭ ސުވާލެއް ކުރެއްވުމަކީ އަޅުގަނޑުގެ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން. ހިތްހަމަނުޖެހުމެއް އޮތްކަމެއް ނޫން" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތްތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުންނާއި ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކަމަށާ، އެކަމާ ބަޔަކު ނުރުހުނަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

"އަޅުގަނޑަށް، ޤާނޫނު އަސާސީގަ، ޤާނޫނުގަ، މަތިކޮށްފަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން، ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ކުރަންޖެހުނު މަސައްކަތެއް ޤައުމަށްޓަކާ، ރައްޔިތުންނަށްޓަކާ، ސަރުކާރަށްޓަކާ އަޅުގަނޑު ކުރާނަން. ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކާ ރައްޔިތުންގެ މަޖިޅިހުގެ މެންބަރުންނަށް ހަވާލުކޮށްފަވާ މަސްއޫލިއްޔަތު، ޕާޓީއެއްގެ ވެރިއެއްގެ ހައިސިއްޔަތުން ނުވަތަ އޮޕޮޒިޝަން ލީދަރެއްގެ ހައިސިއްޔަތުން، ޤާނޫނުއަސާސީން މަތިކޮށްފަވާ ކަންތައްތައް އަދި ޤާނޫނުން މަތިކޮށްފަވާ ކަންތައްތައް ކުރަމުން ގެންދިއުމަކީ އެއީ ވަކި ބަޔަކާ އަޅުގަނޑުމެން ކުރާ ކަމެއް ކަމަކަށެއް އަޅުގަނޑު ނުދެކެން. އަދި ހަމަ އެއާއިއެކީގަ އެކަމާ ހެދި ބަޔަކު އަޅުގަނޑު ދެކެ ހިތްހަމަ ނުޖެހިގެން އުޅުނަށް އެކަމަކާ އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން" ޤާސިމް ވިދާޅުވިއެވެ.

އޭޕްރީލް 5 ވަނަ ދުވަހުގެރޭ ކުނޫޒުގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، "މިތާ ފަސާދަ އުފައްދަން ނޫޅޭށޭ، ރައްޔިތުންނަށް އަނިޔާ ކުރަން ނޫޅޭށޭ، އެކަން ނުކުރެއްވޭނެ އެނގޭތޯ. އެކަން ނުކުރެއްވޭނެ. މިތާނގަ ތިބި ފަނޑިޔާރުންނާއި ސިފައިންނާ ފުލުހުންނަށް ބަލަ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައޭ އެބޭފުޅުންނަށް ކުރާ މަޖުބޫރާ، އެބޭފުޅުންނަށް ކަންތައްތައް ކުރެވޭ ގޮތް. އެބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންވާނެ. އެބޭފުޅުން އެ ތިއްބެވީ މަނިކުފާނު ހައްދަވާހާ އެއްޗެއްގަ ބެރު ޖައްސަވާކަށް އަތްތިލަބަޑި ޖައްސަވާކަށް ޏުނޭ އެނގޭތޯ"، މިފަދައިންނެވެ.

ޤާސިމްގެ ވަކީލާ އަލްއުސްތާޛާ ހިސާން ޙުސައިން ވިދާޅުވީ، ފުލުހުންގެ ސުވާލުތަކަށް ޤާސިމް ވަރަށް ފުރިހަމައަށް ޖަވާބުދެއްވި ކަމަށާ، ޤާސިމްގެ މައްޗަށް ކުރިން ކުރި ކޮރަޕްޝަންގެ ތުޙުމަތާއި ގުޅިގެން ބުދަދުވަހު ސުވާލުކޮށްފައިނުވާތީ، އެއީ މިހާރު ކުރާ ތުޙުމަތެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

"ކުރީ ދުވަހު މާފަންނު ވިލާ އަދި ވިލާ އޮފީސް ބަލާ ފާސްކުރުމުގަ ތުޙުމަތު ކުރައްވާފަ އޮތް އެއް ތުޙުމަތު އެއީ ކޮރަޕްޝަންގެ މައްސަލައިގެ ތުޙުމަތު. ނަމަވެސް މިއަދު ތަޙުޤީޤު ހިންގީރު އެ ތުޙުމަތަކަށް އެއްވެސް ސުވާލެއް ކުރައްވާފައެއް ނެތް. އެހެންވީމަ އެދުހު އެ ބަލާފާސްކުރެއްވި ކުރެއްވުމުގެ ފަހުން މިހާރު އެ ތުޙޫމަތު އެމަނިކުފާނުގެ މައްޗަށް ނެތްކަމަށް އަޅުގަނޑުމެން މި ބަލަނީ" ހިސާން ވިދާޅުވިއެވެ.

ޤާސިމްގެ މައްޗަށް ރަޔަޓް ކުރުމާއި ނުވަތަ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ހިތްވަރު ދިނުމުގެ ތުޙުމަތު އިތުރު ތިން ތުޙުމަތެއްގައި ޤާސިމްގެ މައްޗަށް ދައުވާކޮށް، އެ މައްސަލައިގެ ޝަރީޢަތް މިހާރު ވަނީ ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް