ބްރޯޑްކާސްޓިން އެވޯޑެއް ކުރިޔަށް އޮތްތަނުގައި ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބްރޯޑް ކާސްޓިން ކޮމިޝަނުން (ބްރޯޑްކޮމް އިން) ބުނެފި އެވެ.
ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރުމުގެ ގޮތުން ބްރޯޑްކޮމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރުމަށްފަހު ދާއިރާއާ ދުރުގައި ތިބި ގިނަ ބަޔަކު އެބަތިބި ކަމަށެވެ. އެހެންނަމަވެސް އެމީހުންގެ ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭކަމަށާއި އެހެންކަމުން އެ ފަރާތްތަކުގެ އަގު ކޮންމެވެސް ގޮތަކުން ފާހަގަކޮށް ތަޖްރިބާ އެހެންފަރާތްތަކާ ހިއްސާކުރުމަށް ފުރުސަތު ހޯދައިދިނުމަކީ ކޮމިޝަންގެ ވަރަށް ބޮޑު އުއްމީދެއްކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.
އެގޮތުން ކުރިއަށް އޮތް ތަނުގައި ބްރޯޑްކާސްޓިން އެވޯޑެއް ތައާރަފް ކުރައްވާނެކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ. އަދި އެވޯޑް ތައާރަފު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވާކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.
މަރިޔަމް ވަހީދާ އިތުރަށް ވިދާޅުވީ ބްރޯޑްކާސްޓިން ދާއިރާއަކީ ވަރަށް އަގުބޮޑު ދާއިރާއެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ އެހެން މަރުހަލާއަކަށް ގެންދިއުމަށް ބްރޯޑްކާސްޓަރުންނަށް މާލީ އެހީތެރިކަމާއި ފަންނީ ތަމްރީނު ބޭނުންވާކަން މަރިޔަމް ވަހީދާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮމިޝަނުން މަސައްކަތްކުރަމުން އަންނަ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.
މީގެއިތުރުން ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓާ ދިވެހި މީޑިޔާގެ ވެއްޓަކީ ސުލޫކީ މިންގަނޑު ހިފަހައްޓާ އިސްލާމީ ހަމަތަކަށް އިޚުތިރާމްކުރާ ވެއްޓެއްގެ ގޮތުގައި ބައްޓަން ކުރުމަށް އިސްލާމިކް ޔުނިވަރސިޓީ އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ. އެގޮތުން ދެ ފަރާތުން ވެފައިވާ އެމްއޯޔޫގެ ދަށުން މިހަފްތާ ބަންދުގައި ސެމިނަރ އެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި ކުރިޔަށް އޮތްތަނުގައިވެސް މިފަދަ ސެމިނަރތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތްތަނުގައި މީޑިޔާތަކަށް ރިސަރޗްކުރުމުގެ ކަންކަން ތައާރަފްކުރުމަށް އިސްލާމިކް ޔުނިވަރސިޓީއާއެކު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.