ކޮވިޑް-19 އާ ގުޅިގެން މާލޭގެ ސްކޫލްތަކުގައި ކިޔަވައިދިނުން މެދުކަނޑާލުމަށްފަހު ސްކޫލްތައް އަލުން ހުޅުވިގެން ދިޔައިރު ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކައުތެރި މާހައުލެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދު ވިދާޅުވީ އާދިއްތަ ދުވަހު މާލޭ ސްކޫލްތަކުގެ ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް9 އިން 12) ގްރޭޑްތަކުގެ ދަރިވަރުންނަށް ކްލާސް ރޫމްގައި ކިޔަވައިދިނުން ފަށާފައިުވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކައުތެރިކަން ވަރަށް ބޮޑަށް ކަށަވަރު ކުރެވިގެން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ ދަރިވަރުން އާދިއްތަ ދުވަހު ސްކޫލަށް ހާޒިރުވެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މުޖާހިދު ވިދާޅުވީ އޮންލައިންކޮށް ކްލާސްތައް ނެގުމާއި ދަރިވަރުން ސްކޫލަށް ފޮނުވައިގެން އުނގެނޭ އުނގެނުން ތަފާތުވާނެ ކަމަށެވެ. ކުރިއަށް އޮތީ އިމްތިހާނުގެ ދުވަސްވަރު ކަމަށް ވުމާއިއެކު މުދައްރިސުންގެ ފަރާތުން ދަރިވަރުން ވަކިވަކިން އޮޅުން ފިލުވަން ބޭނުންވާނެ ފިލާވަޅުތައްވެސް ހުންނާނެ ކަމަށާއި އެހެންކަމުން ދަރިވަރުން ސްކޫލަށް ފޮނުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ކުދިން ސްކޫލަށް ގޮސްގެން އުނގެނޭ އުނގެނުން ވަރަށް ތަފާތު.މި އަުނގެނުމުގެ އެންމެ މުހިއްމު ބަޔަކީ އިޖްތިމާއީ ގުޅުމުގެ ތެރެއިން ކުދިން ދަސްކުރާ ކަންތައްތަކަށް ވީހިނދު އެއްކުއްޖަކު އަނެއް ކުއްޖަކާއި ވާހަކަ ދެއްކުމާއި މުދައްރިސާއި އެކުދިން އެ ދައްކާ ވާހަކަ އަކީ ވަރަށް މުހިއްމި ކަމެއް. އެއާއި އެކު ކޮލަބްރޭޓިވް ލާރނިން އަދި ކޯޕަރޭޓިވް ލާރނިންގ ކުރިއަށް ގެންދެވޭނީ އިޖްތިމާއި ގުޅުމުގެ ތެރެއިންކަން އިނގޭ. ސޯޝަލް ކޮމިއުނިޓިވް ތިއަރީ ބުނާގޮތުން ވެއްޖެއްޔާމުން ދަރިވަރުން މި ދަސްކުރަނީ އޮބްޒާރވް ކޮށްގެންނާއި ދޭދޭ ގުޅުމުގެ ތެރެއިން.މި ދެންނެވި ދަސްކުރުންތައް ކުރިއަށް ގެންދެވޭނީ ހަމަ ޔަގީނުންވެސް ސްކޫލު މާހައުލުގައި ކުދިން އެއްކުއްޖަކު އަނެއް ކުއްޖަކާ ބައްދަލުވެ އެއްކުއްޖަކު އަނެއް ކުޖަކާއި އެކީގައި ތިބެގެން.އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދު
ސްކޫލްތަކުގައި ހަތަރު ގަޑިއިރަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު، ކްލާސްރޫމެއްގައި ކިޔަވާ ދަރިވަރުންގެ އަދަދު މަދުކުރުމާއި، ކްލާސްރޫމް ތެރޭގައި ވީހާވެސް ބޮޑަށް ގައިދުރުކޮށް ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ. މީގެ އިތުރުން ސްކޫލްތައް ޑިސްއިންފެކްޓް ކުރުމާއި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަރުވާފައެވެ.
ފުރަތަމަ ބެލެނިވެރިޔާ ކުއްޖާ ގެންގޮސް ބަހައްޓަން ވަކި ޚާއްސަ ޕޮއިންޓެއް ކަނޑައެޅިފައިވާނެ. ކުއްޖާ ދޮރާށިން ވަންނައިރު ކުއްޖާގެ ތެމްޕަރޭޗަރ ބެލޭނެ. އެއާއިއެކީގައި ކުލާހަށް ދިއުމުގެ ކުރިން އަތް ދޮވުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ. ސްކޫލްތަރޭގައި ކުދިން، ޓީޗަރުން އަދި ހުރިހާ މުވައްޒަފުންވެސް ތިއްބަވާނީ މާސްކް އަޅުއްވައިގެން ހުރިހާ ވަގުތެއްގައިވެސް. ހަމައެއާއި އެކު ކުދިން ތިބޭނީވެސް މަދުވެގެން ތިންފޫޓް ދުރުގައި.އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދު
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށް ފަހު ޖުލައި 1 ގައި ވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް 1ން 12ށް ކިޔަވައިދޭން ފަށާފައެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވާން ފެށުމުން އޮގަސްޓް މަހުގެ 4 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ސްކޫލްތައް ނުހުޅުވާ ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.
އެގޮތުން ކޮންމެ ދެ ހަފްތާއަކުން ދެ ހަފްތާއަކުން ސްކޫލްތައް ބަންދުކުރުމަށްފަހު އެޑިޔުކޭޝަން މިނިސްޓްރީން އަންނަނީ ހާލަތަށް ބެލުމަށްފަހު އަނެއްކާވެސް އެ ނިންމުން ދަމަހައްޓަމުންނެވެ. އަދި ހާލަތަށް ރިއާޔަތްކުރުމަށް ފަހު އެހެން ގްރޭޑްތަކަށް ކިޔަވައިދޭން ފެށުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ އިސްފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.