ހޯމަ ދުވަހު އޮންނަ މިއަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާ ސުވާލުކުރުމަށް އެޖެންޑާކޮށްފިއެވެ.
އަސްލަމާ ސުވާލުކުރައްވަނީ މާވަށު ދާއިރާގެ ޕީއެންސީ މެމްބަރ މުހައްމަދު ސައީދެވެ. ސައީދު މިނިސްޓަރާ ސުވާލު ކުރައްވަނީ ދާދި ފަހުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރާގައި އުދަ އަރާ އެންމެ ބޮޑަށް ގެއްލުންވި ރަށްތަކުގެ ތެރޭގައި ލ. މާވަށް ހިމެނޭތީ އެ ރަށުގެ އުދައަރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ފެށޭ ތާރީހެއް އޮޅުން ފިލުވުމަށެވެ.
މީގެ އިތުރުން މާވަށުގެ ބިން ހިއްކުމަށްޓަކައި ކުރަންޖެހޭ ސާވޭ ނިމި ކުރެހުންތަކަށް ކައުންސިލުގެ ރުހުންވެސް ލިބިފައިވާތީ މާވަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ތާރީހަކީ ކޮބައިކަން އޮޅުން ފިލުވުމަށްވެސް ސައީދު ވަނީ ސުވާލުކުރައްވާފައެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި އެޗްއާރުސީއެމް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެން ހުޅުވާލި ފުރުސަތުގައި ކުރިމަތި ލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް ކޮމިޓީއަށް ފޮނުވުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ.
މީގެ އިތުރުން އިބްތިދާއީ ބަހުސަށް ތިން ބިލެއްގެ ބަހުސްކުރުމަށް ވެސް އެޖެންޑާ ކޮށްފައިވެ އެވެ.
އެބިލްތަކަކީ ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، ގާނޫނުލްއުގޫބާތަށް ހުށަހެޅުއްވި އިސްލާހުގެ ބިލާއި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހަޅުއްވާފައިވާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލުގެ އިބްތިދާއީ ބަހުސްވެސް ވަނީ ތާވަލުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު މިފަށަނީ މަސް ދުވަހުގެ ޗުއްޓީއަކަށް ފަހުއެވެ. މި ދައުރުގެ ޖަލްސާތައް އޮކްޓޯބަރ އަދި ނޮވެމްބަރ މަހު ކުރިޔަށްދާނެއެވެ.