އައްޑޫ ސިޓީގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒައިނާ މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާދިއްތަ ދުވަހު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރޮޒައިނާ ވިދާޅުވީ އައްޑޫގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް ހަރުދަނާ ބަޔަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ހައްލެއް ލިބެންދެން ހުއްޓާނުލާ މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސް މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުމަކަށް ގެނެސް ދެއްވުން ފުލުހުންގެ ކިބައިން ރޮޒައިނާ ވަނީ އެދިވަޑައިގެންފައެވެ.
ހޮނިހިރު ދުވަހު ހވަީރު އައްޑޫ ސިޓީ ހިތަދޫއަށް ކަނޑުމަތިން ކަފު ޖަހައިގެން ލޯންޗެއްގައި ވައްދަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވަނީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓާ މެރިން ޕޮލިސް އަދި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގައި ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސީޕީ ކުރެއްވި ޓްވީޓްގައި މި އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ އިންޓެލިޖެންސްގެ މައްޗަށް ސީދާ ދިވެހި ފުލުހުން ހިންގި އޮޕަރޭޝަނެއް ކަމަށް ވިދާޅުވެފައި ވެއެވެ.
އަދި ތަހުގީގު ކުރިއަށްދާ ވަރަކުން މައްސަލާގައި ގުޅުންހުރި ބައިނަލްއަގުވާމީ ފަރާތްތަކާ މަޝްވަރާ ކުރައްވާނެ ކަމަށާއި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް މަސައްކަތް ކުރައްވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.