މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކެޓްރީ އަބްދުﷲ ފަޔާޒް ސަސްޕެންޑް ކުރި މައްސަލައިގައި ހެކި ނައްތާލަން މަސައްކަތްކުރަމުންދާތީ، އެކަން ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުން ސިވިލް ސަރވިސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސް ފަޔާޒް ސަސްޕެންޑްކުރީ އެ މިނިސްޓްރީގެ މުވައްޒަފަންތަކެއް ސިވިލް ސަރވިސް ކޮމިޝަނަން ހުށަހަޅާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެންނެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބުނު ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ އަހްމަދު ހަލީމް، ލިޔެކިޔުންތަކަށް ބަދަލު ގެނެސް މައްސަލަތަކާއި ގުޅުން ހުރި ހެކި ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައްސަލަ ސިވިލް ސަރވިސް ކޮމިޝަންނަށް ގެނެސްފައިވަނީ އާދިއްތަ ދުވަހުއެވެ.
އަހުމަދު ހަލީމް ވަނީ ގަވާއިދާ ހިލާފަށް ތިއަރީ އިމްތިހާން ނުހަދައި ބިދޭސީއަކަށް ދޫކޮށްފައިވާ ލައިސަންސްގެ މައްސަލައެއްގައި ހިމެނޭ ބިދޭސީ މީހާ، ތިން ފަހަރެއްގެ މަތިން ޓްރާންސްޕޯޓް އޮތޯރިޓީއަށް ހާޒިރުކޮށް އިމްތިހާން ދީފައި ކަމަށް ބުނެފައި ވެއެވެ. އަދި ތިން ފަހަރަށް އިމްތިހާން ހެދުމަށް ފުރުސަތު ދިނުމަށްފަހުވެސް ބިދޭސީ މީހާ އިމްތިހާނުން ފާސްނުވުމުން، އައިޓީ ޝެކްޝަންގެ މުވައްޒަފުން މެދުވެރިކޮށް އެކަން ކުރިކަމުގެ ލޮގްތަށް ސިސްޓަމްއިން ފޮހެލަންވެސް ވަނީ މަސައްކަތް ކޮށްފައިވާ ކަމަށް ވަނީ އެ ޝަކުވާގައި ވެއެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކޮށްފައިވާ އެހެން މައްސަލައެއް ތަހުގީގު ކުރުމަށް ސީއެސްސީން އަންގާފައިވަނިކޮށް، އެ މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔެކިޔުންތަށް ސިސްޓަމްއިން ފޮހެލައި އަދި ފައިލްތަކުންވެސް ފެންނަން ނެތްކަމަށް މިނިސްޓްރީގެ މުވައްޒަފުން ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅި ސިޓީގައި ބަޔާންކޮށްފައި ވެއެވެ.
ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ 271 ވަނަ މާއްދާގެ (ނ) ގެ 4 ގައި ބަޔާން ކުރަނީ "ސަރުކާރުގެ ލިޔެކިޔުމެއް ނުވަތަ އޮފީހުގެ ލިޔެކިޔުމެއްގެ އަސްލު އޮޅުވާލައި، ބަދަލު ކުރުން" އެއީ ތިންވަނަ ދަރަޖައިގެ ކުށެއްގެ ކަމަށެވެ.
މުސާރަ ލިބޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޕަރމަނަންޓް ސެކެރެޓަރީ ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި މިއީ ސިވިލް ސަރވިސް ކޮމިޝަނުގެ އައު މެމްބަރުން ހުވާކުރެއްވި ފަހުން ސަސްޕެންޑް ކުރެވުން ދެވަނަ ފަރާތެވެ.
މިކަމާއި ގުޅިގެން ހަލީމްގެ ބަހެއް ހޯދަން ރާއްޖެއެމްވީ އިން ގުޅާލުމުން އޭނާ ވިދާޅުވީ މި މައްސަލައާއި ގުޅިގެން އެއްވެސް އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށެވެ.