ކ. މާލެ
|
4 އޮކްޓޯބަރ 2020 | އާދީއްތަ 11:02
ރާއްޖެ އަށް އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި
ރާއްޖެ އަށް އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި
ރާއްޖެއެމްވީ
ފަތުރުވެރިންގެ ތަފާސްހިސާބު
ސެޕްޓެމްބަރު މަހު 125 ގައުމަކުން 9000ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި: އިމިގްރޭޝަން
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދުވަނީ 18،867ށް އަރާފަ
ސެޕްޓެމްބަރު މަހު ޖުމްލަ 9538 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވޭ
125 ގައުމަކުން ފަތުރުވެރިން ޒިޔާރަތްކުރި އިރު އެންމެ ގިނައިން އައީ ރަޝިޔާއިން

ސެޕްޓެމްބަރު މަހު 125 ގައުމަކުން 9000ށް ވުރެ ގިނަ ފަތުރުވެރިން އައި ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، ފާއިތުވި ސެޕްޓެމްބަރު މަހު ޖުމްލަ 9538 ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކޮށްފައިވާއިރު މިއީ ފާއިތުވި މަސްތަކަށް ވުރެ 25 އިންސައްތަ އިތުރު އަދަދެކެވެ. އެއާއި އެކު ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ޖުމްލަ އަދަދުވަނީ 18،867ށް އަރާފައެވެ.

ބޯޑަރު ހުޅުވި ފަހުން ޖުމްލަ ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް 100ށް ވުރެ ގިނަ ފަތުރުވެރިން އެތެރޭވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އެގޮތުން، ޖުލައި މަހު ދުވާލެއްގެ މައްޗަށް 100 ފަތުރުވެރިން އެތެރެވެފައިވާއިރު އޯގަސްޓް މަހުގައި އެވެރެޖްކޮށް ދުވާލެއްގެ މައްޗަށް 218 ފަތުރުވެރިން ރާއްޖެ އެތެރެވާއިރު ޖުލައި މަހާއި އަޅާކިޔާއިރު 118 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވެއެވެ. އަދި ސެޕްޓެމްބަރު މަހުގައި ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް 318 ފަތުރުވެރިން އެތެރެވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިން އައި އަދަދުތަކަށް ބަލާއިރު ވެސް، ރާއްޖެއަށް ރަޝިއާގެ އެއިރޮފްލޮޓްގެ ދަތުރުތައް ފެށުމާއި އެކު ވަނީ ބޮޑު ތަނުން އިތުރުވެގެން ގޮސްފައެވެ. އެގޮތުން، ސެޕްޓެމްބަރު މަހު 696 ފަތުރުވެރިން އެއް ދުވަހެއްގައި އައި އިރު، އެންމެ މަދު މީހުން އައި ދުވަހު އެކަނިވެސް 97 ފަތުރުވެރިއަކު ވަނީ އައިސްފައެވެ. މިއީވެސް އޯގަސްޓް މަހާއި އަޅާކިޔާއިރު، ބޮޑު ކުރިއެރުމެކެވެ.

ސެޕްޓެމްބަރު މަހު ފަތުރުވެރިން އެންމެ ގިނައިން އައި 10 ގައުމު:

  1. ރަޝިޔާ- 2065 ފަތުރުވެރިން
  2. ޔޫއޭއީ- 1029 ފަތުރުވެރިން
  3. އެމެރިކާ- 935 ފަތުރުވެރިން
  4. ޔޫކޭ- 625 ފަތުރުވެރިން
  5. ސްޕެއިން- 466 ފަތުރުވެރިން
  6. ބްރެޒިލް- 444 ފަތުރުވެރިން
  7. ޖާރމަނީ- 362 ފަތުރުވެރިން
  8. ފްރާންސް- 279 ފަތުރުވެރިން
  9. އިންޑިއާ- 262 ފަތުރުވެރިން
  10. މިސްރު- 232 ފަތުރުވެރިން

ފާއިތުވެ ދިޔަ 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރުމާއިއެކު، އެ އަހަރު ވެގެން ދިޔައީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި އަހަރަށެވެ. މި ކާމިޔާބީއާއިއެކު، ފަތުރުވެރިކަމުގެ ސިނާއަތް ދެން ޖެހިގެން އޮތް ހަރުފަތަށް ގެންގޮސް، 2020 ވަނަ އަހަރު ރާއްޖެއަށް 2 މިލިއަން ޓޫރިސްޓުން ގެނައުމަށް ގިނަގުނަ މާރކެޓިންގ ހަރަކާތްތައް ވެސް ފަށާފައިވެއެވެ.

ނަމަވެސް، ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވުމާއިއެކު ރާއްޖޭގެ ބޯޑަރު 27 މާރިޗު 2020 ގައި ބަންދުކުރިއެވެ. ފަތުރުވެރިކަމުގެ ދާއިރާ އަކީ ރާއްޖޭގެ އިޤްތިސާދުގެ މައި ތަނބު ކަމަށްވެފައި، ކޮވިޑް-19 ގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމަށް އެޅި ފިޔަވަޅުތަކާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް ވަނީ ކުރިމަތިވެފައެވެ.

ބޯޑަރު ބަންދު ކުރުމަށްފަހު ގާތްގަނޑަކަށް ހަތަރު މަސް ފާއިތުވި ފަހުން، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު، 15 ޖުލައި 2020 ގައި ރާއްޖެ އަލުން ފަތުރުވެރިންނަށް ވަނީ ހުޅުވާލާފައެވެ. އަދި ފަތުރުވެރިންނަށް އަމާޒުކޮށްގެން ގިނަ ޕްރޮމޯޝަން ހިންގުމުގެ އިތުރުން ރާއްޖެ މާކެޓް ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

- ކޮމެންޓް