ހުޅުމާލޭގައި ހުންނަ ހެދިކާ ޓެންޓުތަކާއި ގުޅިގެން އާއްމުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓް ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެގޮތުން މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 11 އޮކްޓޯބަރުގެ 15:00ގެ ކުރިން 7924392 ނަން ނޯޓް ކުރުމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ހުޅުމާލޭ އެކި ހިސާބުގައި ހުރި ފްލެޓްތައް ކައިރީގައި ބަހައްޓާފައިވާ ޓެންޓުތަކުގައި ގިނަ ބަޔަކު އަންނަނީ ހެދިކާ ވިއްކަމުންނެވެ. އެގޮތުން ޖުމްލަ 30 ޓެންޓެއް ވަނީ ޖަހާފައެވެ. އެ ޓެންޓުތަކުގެ މުއްދަތު ހަމަވެފައިވާތީ އެތަންތަން މަރާމާތު ކުރަން ފަށައި ނަގަން މިދިޔަ މަހު އެޗްޑީސީން ނިންމިއެވެ. އެކަމަކު ރައްޔިތުންގެ ޝަކުވާތައް ލިބުމާއި، އަދި ޓެންޓުތައް ނަގައިފިނަމަ ހެދިކާ ވިއްކާ ފަރާތްތަކުގެ އާމްދަނީ އަސަރު ކުރާނެތީވެ އެކަން އޮތީ މަޑުޖައްސާލާފައެވެ.
ރާއްޖެ.އެމްވީއާ ވާހަކަ ދައްކަވަމުން އެޗްޑީސީގެ މުނިސިޕަލްގެ ޑިރެކްޓަރ އާދަމް އަޒްމީ ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހެދިކާ ވިއްކޭ ގޮތަށް ތިން ސަރަހައްދެއްގައި ބޮޑެތި ޓެންޓުތަކެއް ބެހެއްޓުމުގެ ޕްލޭން އެއް ރާވަމުންދާ ކަމަށެވެ. މީގެ ކުރިން ޓެންޓުތައް ހުސް ކުރަން އެންގީ އެއްވެސް ބައެއްގެ ވިޔަފާރިއަށް ހުރަސް އަޅާ ނުވަތަ ގެއްލުން ދިނުމުގެ މަގްސަދުގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރުގެ މަސައްކަތް ހުރި ގޮތުން ގާތްގަނޑަކަށް ދެ ތިން މަސްްވަރު ނަގާފާނެ ތަނެއް ތަރައްގީ ކުރަން. އެއީ އަޅުގަނޑުމެންގެ ބަޖެޓާއި މި ހާލަތުގައި ކަންތައްތައް ކުރާއިރު ބައިވަރު މަސައްކަތްތަކެއް ހުރުމާއި އެކު~ އެޗްޑީސީގެ މުނިސިޕަލްގެ ޑިރެކްޓަރ - އާދަމް އަޒްމީ
އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ޓެންޓްތަކެއް ބެހެއްޓުމުން ހެދުމުގެ އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރެމުންދޭތޯ ވެސް އިތުރަށް މޮނިޓަރ ކުރެވިގެން ދާނެ ކަމަށެވެ. ރައްޔިތުންގެ މަޝްވަރާ ހޯދާނެ ކަމަށް އެޗްޑީސީން ބުނެފައިވިޔަސް އެ ބައްދަލުވުންތައް ބާއްވާނެ ވަކި އިރެއް ހާމައެއް ނުކުރެއެވެ.
އެޗްޑީސީން މިހާރު ފްލެޓް ސަރަހައްދުގައި ބަހައްޓާފައި ހުރި ޓެންޓްތައް ފްލެޓްތައް ކައިރިން ނަގައި އެހެން ސަރަހައްދުތަކަށް ބަދަލު ކުރަން އުޅޭތީ އެކަމާއި ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އެބަހުއްޓެވެ.
އެގޮތުން ހެދިކާ ހެދުމަކީ އަންހެންވެރިން ކޮށް އުޅޭ މަސައްކަތަކަށްވާއިރު ދުރު ސަރަހައްދުތަކަށް ޓެންޓްތައް ބަދަލު ކުރުމުން ތަކެތި އުފުލުމުގައި ބޮޑު ދަތިކަމަކާއި ކުރިމަތިވާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.
އެހެންކަމުން މިހާރެކޭ އެއްގޮތަށް ހެދިކާ ވިއްކާ ފަރާތްތަކުން ބޭނުންވަނީ ފްލެޓްތައް ކައިރީގައި ރަނގަޅު ފެންވަރުގެ ޓެންޓްތައް ބަހައްޓައިދިނުމެވެ.