ސިނާއީ ރަށެއްގެ ގޮތުގައި ހިންގަމުން އަންނަ ކ. ތިލަފުށި ގައި ޕެޓްރޯލް ޝެޑްއެއް އަޅަން ބިމެއް ހަމަޖައްސާފައިވާ ކަމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ޕްރައިވެޓް ލިމިޓެޑް (ޖީއެމްއައިޒެޑް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލި އިބޫ) ވިދާޅުވެއްޖެއެވެ.
ތިލަފުށީގައި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކުގެ މައުލޫމާތު ''ރާއްޖެ.އެމްވީ'' އާ ހިއްސާ ކުރައްވަމުން އިބޫ ވިދާޅުވީ، އެ ރަށުގައި ޕެޓްރޯލް ޝެޑް އެއް ގާއިމް ކުރުމުގެ މަސައްކަތް އެފްއެސްއެމްއާ އެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. ތިލަފުށީ ގައި ގާއިމްކުރާ ޕެޓްރޯލް ޝެޑަކީ ތިލަފުށީގެ ބޮޑު މަގާއި ފަޅުތެރެ އަށް އެއް ސްޓޭޝަނަކުން ތެލުގެ ހިދުމަތް ދެވޭ ގޮތަށް ގާއިމްކުރާ ތަނެއް ކަމަށެވެ.
ތިލަފުށީގެ ބޮޑު މަގާއި ބަނދަރާއި ފަޅުތެރެއަށް އެއް ސްޓޭޝަނަކުން ޕެޓްރޯލާއި ޑީސަލްގެ ހިދުމަތް ދެވޭ ގޮތަށް އަޅުގަނޑުމެން ބިމެއް އުފައްދަން މި ޖެހުނީ. އެކަން މިހާރު އިއޮތީ ކޮށް ނިމިފައިއިބްރާހިމް ރަޝީދު - ޖީއެމްއައިޒެޑްގެ އެމްޑީ
ނަމަވެސް އެ ބިން އެފްއެސްއެމްއާ ހަވާލު ކުރާ ތާރީހެއް ނުވަތަ މަސައްކަތް ފަށައި ގަނެވޭނެ ދުވަހެއް ސީދާ ވިދާޅެއް ނުވެއެވެ،
ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުނު ކަމުގައިވިޔަސް ތިލަފުށީގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއި ގޮތްތައް ހޯދައި ދިނުމަށް މިދިޔަ އަހަރު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.
ޖީއެމްއައިޒެޑް އިން އަހަރެއްގެ ތެރޭގައި ހިންގާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އިބޫ ވިދާޅުވީ، އެ ރަށު މަގުތަކުގައި ތާރުއަޅަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެކު އެމްއޯޔޫ އެއް ގައި ސޮއިކޮށްފައިވާ ކަމަަށެވެ. އެ އެމްއޯޔޫގެ ދަށުން ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށަން އޮތީ މި އަހަރު އޭޕްރީލް މަހު ތެރޭގައެވެ. އެކަމަކު ކޮވިޑާ ގުޅިގެން އެ މަސައްކަތްތައް އޮތީ މަޑުޖެހިފައެވެ. ތިލަފުށީގެ ހުރިހާ ސަރަހައްދުތަކަށް ބޭނުންވާ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިފައިވާނެ ކަމަށް ވިދާޅުވިއެވެ. ފެނާއި ނަރުދަމާ ނިޒާމުގެ އެންވަަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް ހަދައި އަމަލީ މަސައްކަތް ކުރުމަށް އެމްޑަބްލިއުއެސްސީން ދަނީ ތައްޔާރުވަމުންނެވެ.
އޭނާ ވިދާޅުވީ، މާލެ ސަރަހައްދު ކުރިއަރައިގެން ދާނީ ތިލަފުށި ކުރިއަރައިގެން ކަމަށެވެ. މާލެ އަކީ އިތުރަށް ބިން ހިއްކޭނެ ތަނަކަށް ނުވާތީ މާލެ އާއި ގުޅިފައި ހުރި އިގްތިސާދީ އެހެން ހަރަކާތްތައް ހިންގުމަށްޓަކައި ކޮންމެ ގޮތެއްވިޔަސް ތިލަފުށީގެ ބޭނުން މުހިއްމު ކަމަށް ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ، ބްރިޖަކުން ތިލަފުށި އާއި މާލެ ގުޅާލުމަކީ މުޅި އިގްތިސާދު ބޮޑު ތަނުން ކުރިއަރައިގެންގޮސް މުދަލުގެ އަގު ކުރިއަރައިގެން ދާނެ ކަމެއް ކަމަށެވެ. ޖުމްލަ ގޮތެއްގައި ރާއްޖޭގެ އިގްތިސާދުގައި ތިލަފުއްޓަކީ ވަރަށް މުހިއްމު ތަނެއް ކަމަށެވެ.