އައްޑޫ ސިޓީ ތަރައްޤީ ވެގެން އަންނަތަން ބަލަން އިދިކޮޅު ފަރާތްތަކުން ބޭނުން ނުވާނެ ކަމަށާއި އެކަން ހަޖަމް ކުރަން އެފަރާތްތަކަށް ދަތިވާނެ ކަމަށްވެސް އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީން ގެނެސްދިން 'ސިޔާސީ ދުނިޔެ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިހާދު ވިދާޅުވީ އައްޑޫ ސިޓީ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީ ވައިގެ ބަނދަރަކަށް ތަރައްޤީ ވެގެންދާތަން ބަލަން އިދިކޮޅު ފަރާތްތަކަށް ކެތް ނުވާނެ ކަމަށެވެ.
ނިހާދު ވިދާޅުވީ ޕޮލިސް އެކަޑަމީ އަޅަން ރައީސް ވަހީދުގެ ސަރުކާރުން އިންޑިއާއަށް އޭރު ދީފައިވަނީވެސް އައްޑޫ ސިޓީގެ ރައްޔިތުންނަށް ޖެއްސުމަށް ކަމަށާއި އަދި އިދިކޮޅު ފަރާތްތަކުން ޕޮލިސް އެކަޑަމީގެ ވާހަކަތަކެއް އަޑުގަދަކޮށް ދައްކަމުންދަނީ އެކަމުގެ ސަބަބުންވެސް އައްޑޫގެ ރައްޔިތުންނަށް ފާއިދާއެއްކޮށްފާނެތީ ކަމަށެވެ. އަދި އެއީ މުޅި އައްޑޫ ސިޓީގައިވެސް އެންމެ ރީތި ބީޗް އޮތް ސަރަހައްދެއް ކަމަށާއި މިކަން މިހެން ކުރި ކަމުގައިވީ ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އައްޑޫ ބީޗް ޕްރަންޓްގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ނިހާދު ވިދާޅުވި އެވެ.
އެހެންކަމުން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އައްޑޫގެ ތަރައްޤީ މެކުހަށް ޖަހާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އިންޑިއާ އައުޓް ކެމްޕެއިންއޭ ބުނެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ކެމްޕެއިނަކީ އެއް ގޮތަކަށްވެސް އެކަން ބޭނުން ވެގެން ކުރާ ކަމެއް ނޫން ކަމަށާއި މިއީ ކޮވިޑްގެ މިދަނޑިވަޅުގައި މިގައުމުގެ އިގްތިޞާދު ފުނޑާލަން ބޭނުން ވެގެން ކުރަމުންގެންދާ ކަމެއް ކަމަށް ނިހާދު ފާހަގަކުރެއްވި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ބަޖެޓު ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު ހަދިޔާ ކުރެއްވި ކުރެއްވުމަކީ އިދިކޮޅު ފަރާތްތަކުން ހަޖަމް ނުވި ކަމެއް ކަމަށްވެސް ނިހާދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކުގެ ސަބަބުންވެސް އިދިކޮޅު ފަރާތްތަކަށް ކަންކަން ހަޖަމްކުރަން ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.