ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) މަސްތުވާތަކެއްޗާއިއެކު ހައްޔަރުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮންޑާ ހައްޔަރުކުރީ މަސްތުވާތަކެއްޗާއިއެކު، އައްޑޫ ސިޓީއަށް ދަތުރުކުރި ޑިންގީ އެއް ހުއްޓިގެން ބޮންޑާ އަށް ގުޅުމުން އޭނާގެ އަމިއްލަ ލޯންޗުގައި އެ ޑިންގީ ކަފު ޖަހައިގެން ދަތުރުކުރަމުން ދަނިކޮށެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޑިންގީގައި މަސްތުވާތަކެތި ހުރި ކަމެއް ބޮންޑާ އަކަށް ނޭނގެއެވެ.
މި ކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ޑްރަގް އިންޓެލިޖަންސާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓާ މެރިން ޕޮލިސް އަދި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށެވެ. އަދި ބަޔަކު ހައްޔަރުކޮށްފައިވާކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ބޮންޑާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފިލްޑަރެވެ. ކުރިން ގައުމީ ފުޓުބޯޅަ ޓީމަށް ކުޅުނު ބޮންޑާ ފުޓުބޯޅަ ކުޅުން ހުއްޓާލީ 2017 ވަނަ އަހަރެވެ. އޭނާ އެންމެ ފަހުން ކުޅެފައި ވަނީ ޓީސީ ސްޕޯޓްސް ކްލަބަށެވެ. ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު ބޮންޑާ މިހާރު ކުރަމުން އަންނަ މަސައްކަތަކީ މަސްވެރިކަމެވެ.