ތ. އޮމަދޫ ބަނދަރު ހެދުމުގެ މަސައްކަތާއެކު އެރަށުގެ ރައްޔިތުންގެ ހުވަފެންތަަކުގަ ކުލަޖެހި، ކުރިންސުރެ ކުރަމުން އައި އުއްމީދުތައް ހަގީގަތަކަށްވުމާ ގާތްވެއްޖެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް ހާރޫން މުހައްމަދު ވިދާޅުވީ މިހާރު އެމަޝްރޫގެ ގާތްގަނޑަކަށް 75 އިންސައްތަ ނިމިފައި ވާކަމަށެވެ. ބަނދަރެއް ނެތުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ކިޔައި ދެއްވަމުން ހާރޫން ވިދާޅުވީ ބަނދަރެއް ނެތުމުން ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ރަށަށްއަރާ ފޭބުމުގެ މައްސަލަ ކަމަށެވެ.
ރަށަކީ މަސްވެރި އަދި މަސްކެއްކުމުގެ ރަށެއްކަމަށް ފާހަގަކުރައްވާ އޭނާ އިތުރަށް ވިދާޅުވީ ދެން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށަށް އެހެން ދޯނި ފަހަރު ނުވަނުމުގެ މައްސަލަ ކަމަށެވެ. އަދި މަސްގަތުމަށް ޑިންގީތަކުގައި އެހެން ރަށްތަކަށް ދާންޖެހުމަކީ ވެސް އުނދަގޫ ކަމެއްގެ ގޮތުގައި ހާރޫން ވަނީ ފާހަގަ ކުރައްވާފައެވެ.
މި މަޝްރޫއު އާ މެދު ބޮޑެތި އުއްމީދުތަކެއް ކުރެވޭ ކަމަށްވެސް ހާރޫން ވިދާޅުވި އެވެ. އެގޮތުން ރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަތައް ވުމަށް އުއްމީދު ކުރާކަމަށާ ރަށަށް އިތުރު ތަރައްގީތައް ލިބި ކުރިއަރައި ދިއުމަށް އެދޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ސަރަހައްދަކީ އެންވެރިކަން ރަނގަޅު ސަރަހައްދަކަށް ވުމާއެކު ބަނދަރު ހެދުމުގެ މި މަޝްރޫއު އާއެކު ގިނަ ދޯނި ފަހަރު މިހާރުވެސް އަންނަމުން ދާކަމަށް ހާރޫން ފާހަގަ ކުރެއްވިއެވެ.