އިރުފުށި މައްސަލައިގައި ސަން ޓްރެވަލްސްގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފުކުރަން ހުށައެޅުމުން ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދު ދާއިރާ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނިން ހުށައެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ ހައި ކޯޓުން ބޭރުކޮށްލީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ނަމަވެސް މައްސަލަ ނުބެލޭނެ ކަމަށް ކަނޑައެޅި ސަބަބެއް އެނގިފައެއް ނުވެއެވެ.
ސިވިލް ކޯޓުން މި އަމުރު ނެރުނީ ހިލްޓަން އިންޓަނޭޝަނަލް އިން އެ ކޯޓަށް ހުށައަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ. މިދިޔަ މަހު ސިވިލް ކޯޓުން ނެރުނު އަމުރުގައި, ސަން ޓްރެވަލްސްގެ ހުރިހާ އެކައުންޓްތަކެއް ފްރީޒް ކުރުމަށާއި ކުންފުނީގެ އެކައުންޓްތަކުގެ ތަފްސީލު އެ ކޯޓާ ހިއްސާކުރުމަށް ވަނީ އަންގާފައެވެ.
މި މައްސަލައަކީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން 2013 ގައި ބާތިލުކުރުމާއި ގުޅިގެން ބަދަލުގެ ގޮތުގައި 26 މިލިއަން ޑޮލަރު ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ސަން ޓްރެވަލްސްގެ މައްޗަށް ނެރުނު ހުކުމް ތަންފީޒު ކުރުމަށް ހިލްޓަން އިން ހުށައަޅާފައިވާ މައްސަލައެކެވެ. މީގެ ކުރިން މި މައްސަލަ ސިވިލް ކޯޓަށް ހުށައެޅުމުން އެ ކޯޓުން ނިންމީ އާބިޓްރޭޝަން ނިންމުން ތަންފީޒުކުރެވޭނީ ހައި ކޯޓަށް ކަމަށެވެ.
ސިވިލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، ހައި ކޯޓުން ހުކުމް ކޮށްފައިވަނީ ސިވިލް ކޯޓަށް އާބިޓްރޭޝަން އަމުރު ތަންފީޒު ކުރެވޭނެ ކަމަށެވެ. އާބިޓްރޭޝަން ގާނޫނާ ހަވާލާދީ ހައި ކޯޓުން ކުރި ހުކުމުގައި ވަނީ، އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރާނީ "ކަމާބެހޭ ކޯޓުން" ކަމަށާއި، މިފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތަށް ބަލާއިރު އެ ކޯޓަކީ ސިވިލް ކޯޓު ކަމަށެވެ.
ސިވިލް ކޯޓުން މީގެ ކުރިން ވަނީ އިރުފުށި މައްސަލައިގައި ބަދަލުގެ ގޮތުގައި ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް މައްސަލައެއް ނިންމާފައެވެ. ނަމަވެސް، ހިލްޓަންގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށްފައެވެ.