ރ. ދުވާފަރުގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ދުވާފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިސްމާއިލް އަހުމަދެވެ.
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ސޮއިކުރެވުނު މި މަޝްރޫޢުއަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ދެވަނަ ފިޔަވަހީގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ފައިމަގުގައި ހިނގޭގޮތަށް 4960 އަކަމީޓަރުގެ ސަރަހައްދެއް ޤާއިމް ކުރުމާއި މަގުގައި ދުއްވޭގޮތަށް 17690 އަކަމީޓަރުގެ ސަރަހައްދެއް ޤާއިމް ކުުރުމާއި، ކޭބަލް ހޮޅި ވަޅުލުމާއި، މަގުބައްތި ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކޮށްފައިވަނީ 300 ދުވަސް ތެރޭގައެވެ.
މި މަޝްރޫޢު އިފްތިތާހު ކޮށްދެއްވާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މަސައްކަތް ނިމޭއިރު، ދުވާފަރުގެ މަގުތަކުގެ 80 އިންސައްތައިގައި ތާރުއަޅާ ނިމޭނެ ކަމަށެވެ. އަދި އެމްޓީސީސީގެ އަމާޒަކީ، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސަައްކަތް ހަވާލުކުރެވުނު ގޮތަށް، ވީހާވެސް އަވަހަކަށް މަސައްކަތް ނިންމާލުން ކަމަށް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް ވިދާޅުވީ، ދުވާފަރުގައި ތާރު އެޅިގެން ދިއުމަކީ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި ސަރުކާރުން އެކަމަށް އިޖާބަދީ، އެމްޓީސީސީ އަދި ޕްލޭނިންގ މިނިސްޓްރީ ގުޅިގެން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ.
ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ގައެވެ. 47.04 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއުގެ މަސައްކަތުގެ 77 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެގޮތުން، މިހާރު އެތަނުގައި ކުރިއަށްދަނީ ތާރު އެޅުމުގެ މަސައްކަތްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ، މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަަށެވެ.
މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް ފަހު، އެމްޓީސީސީގެ އިސްބޭފުޅުންނާއި ޕްލޭނިން މިނިސްޓްރީގެ ބޭފުޅުން ވަނީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަަށްދާގޮތް ބައްލަވާލައްވާފައެވެ.