ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ދިގުމުއްދަތަކަށް ސްކޫލްތަކުގެ ކިޔެވުން ބަންދުކުރަން ޖެހުމާއި ގުޅިގެން ކުދިންގެ ކިޔެވުމަށް އަސަރުކުރާތީ އިތުރު ގްރޭޑްތަކުގެ ކިޔެވުން ފެށޭތޯ ބަލަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަމުގެ މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ، ދަރިވަރުންގެ ކިޔެވުން ގެއްލިގެންދާތީ އެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށާއި، ސްކޫލްތަކުގައި ކިޔެވުމަކީ ދަރިވަރުންގެ ތަރުބިއްޔަތަށް މުހިއްމު ކަމެއް ކަމަށެވެ. ނަމަވެސް، މި ހުރިހާ ކަމެއް ބިނާވާނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މައްޗަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިހާރު ދިރާސާކުރާ ފަރާތްތަކުން ދިރާސާވެސް ކުރަމުންދޭ މީގެ އަސަރު ދެނެގަތުމަށް. އެއިގެން ފެންނަ އެއްޗަކީ ދަރިވަރުންގެ ކިޔެވުމުގެ ހުނަރު ދަށަށްދޭ. ހިސާބުގެ ހުނަރު ގެއްލޭ. ދަރިވަރު ކުލާހަށް ގެނެސް ކިޔަވައިދިނުން ވަރަށް މުހިންމު. ކިރިޔާސްވެ ގެނެވެންޏާ ގެނައުމަށް އަޅުގަނޑު އިލްތިމާސްކުރަން ބެލެނިވެރިންނަށް. މިހާރު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވަރަށް ބޮޑަށް ޔަގީންކަމެއް އެބައޮތް ނުފެތުރޭނެކަމަށް. އިތުރު ކަމަކަށް މިބަލަނީ އިތުރު ގްރޭޑްތައް ހުޅުވޭތޯ.އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ
މިނިސްޓަރ އިތުރަށް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިން ފަހަރު ސްކޫލްތަކުގެ ކިޔެވުން ކުރިޔަށް ގެންދިޔައިރު ލިބުނީ ރަނގަޅު ފިލާވަޅުތަކެއް ކަމަށެވެ. އެގޮތުން އެޅުނު ފިޔަވަޅުތައް ރަނގަޅުކަން އެނގޭ އެންމެ ބޮޑު ހެއްކަކީ އެއްވެސް ސްކޫލަކުން ކްލަސްޓަރ އެއް ފެނިފައިނުވުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކޮވިޑް އާލަމީވަބާއާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވަނީ މަރޗް މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޮންލައިންކޮށް ކުދިންނަށް ކިޔަވައިދެމުން އައިސް، ބަލި ފެތުރީ މިންވަރު ކޮންޓްރޯލް ކުރެވުމުން ޖުލައި މަހުގެ 1 ގައި އަލުން ސްކޫލްތައް ހުޅުވާލިއެވެ. ނަމަވެސް މާލެ ސަރަހައްދުގެ ހާލަތު ގޯސްވެ، ބަލި ޖެހޭ މީހުންގެ އަދަދުތައް އިތުރުވާން ފެށުމާއި އެކު، އަނެއްކާވެސް ސްކޫލްތައް ބަންދުކުރަން މަޖުބޫރުވިއެވެ.
އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހުން ފެށިގެން ކީ ސްޓޭޖް 4 (ގްރޭޑް 10-9) އަދި ކީ ސްޓޭޖް 5 (ގްރޭޑް 12-11) ގެ ދަރިވަރުންނަށް ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމަށް ނިންމާފައިވާއިރު، މިފަހަރު ސްކޫލްތައް ހުޅުވާލާއިރުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ހުންނާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ.
އެގޮތުން ގޭޓް ކައިރިން ހުން ބެލުމާއި ފިޒިކަލް ޑިސްޓެންސް ސްކޫލްތެރޭގައި ގެންގުޅުމާއި އަތްދޮވުންފަދަ ކަންކަން ކުރުމަށް އެ މިނިސްޓްރީގެ އެސްއޯޕީގައި ވަނީ ކަނޑައަޅާފައެވެ. އަދި ސްކޫލްތަކުގައި މަސައްކަތްކުރާ ފަރާތްތައް މި އުސޫލަށް އަހުލުވެރިކުރުމަށް އެ މިނިސްޓްރީން ވަނީ ޕްރޮގްރާމެއްވެސް ހިންގާފައެވެ.