ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި މެމްބަރުން އިށީންދެވަޑައިގަންނަވާ ތަރުތީބު ބަދަލުކޮށް އެކަން ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ އާންމު ކޮމިޓީން ފަށައިފިއެވެ.
މެމްބަރުން އިށީންދެވަޑައިގަންނަވާ ތަރުތީބަށް ބަދަލު ގެނައުމުގެ ކަންކަން ދިރާސާކޮށް ގޮތެއް ނިންމުމަށް އެދި މަޖިލީހުގެ އިދާރާއިން ވަނީ އާންމު ކޮމިޓީއަށް ސިޓީއެއް ފޮނުވާފައެވެ. އެކަމާއި ގުޅިގެން އާންމު ކޮމިޓީން ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު ވަނީ މަޖިލީހުގެ އިދާރާއިން ފޮނުއްވާފައިވާ ސިޓީ ކޮމިޓީގައި ވިދާޅުވެފައެވެ.
އެ ސިޓީގައި ވަނީ "ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މެމްބަރުން އިށީންދެވަޑައިގަންނަވާ ތަރުތީބު ބަދަލު ކުރެއްވުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކި ފަހަރުމަތިން މެމްބަރުން ފާޅުކުރައްވާފައިވާ ޚިޔާލުފުޅުތަކާއި ގުޅިގެން މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މެމްބަރުން އިށީންދެ ވަޑައިގަންނަވާނެ ގޮތުގެ ތަރުތީބު ބަދަލު ކުރުމަށް ތިޔަ ކޮމިޓީއަށް ފެނިވަޑައިގަންނަވާ ގޮތުގެ ރިޕޯޓެއް ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުމުގެ ކުރިން ފޮނުވައިދިނުން އެދެން. " އެވެ.
މިކަމާއި ގުޅޭގޮތުން ކޮމިޓީގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ހާމަކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ކޮމިޓީގެ ނައިބު މުގައްރިރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރ ހަސަން ޝިޔާން ވިދާޅުވީ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި މެމްބަރުންގެ އިށީންދެވަޑައިގަންނަވާ ތަރުތީބު ހުރި ގޮތުން އެކަމާމެދު މެމްބަރުން މީގެކުރިން ޝުއޫރު ފާޅުކުރައްވަމުން ގެންދަވާފައިވާ ކަމަށެވެ. އެގޮތުން މާލެ އާއި އަތޮޅުތަކުގެ މެމްބަރުންގެ މެދުގައި ތަފާތު ކުރުންތަކެއް ހުންނަކަން ފާހަގަވާ ކަމަށް މެމްބަރުން ގަބޫލުކުރައްވާ ކަމަށް ޝިނާން ވިދާޅުވިއެވެ.
އެހެންކަމުން ދުނިޔޭގެ އެންމެ ބޮޑު ރިޔާސީ ނިޒާމު އޮންނަ އެމެރިކާގައި އޮންނަ ގޮތަށް މަޖިލީހުގައި ސީޓިންގ އެރޭންޖްމަންޓް ޕާޓީތަކާއި އަމިއްލަ މެމްބަރުން ވަކިން ހުންނަ ގޮތަށް ބެހެއްޓުމަށް ހުށަހަޅުއްވާކަމަށް ޝިޔާން ވިދާޅުވިއެވެ.
އަޅުގަނޑުގެ ހުށަހެޅުމަކީ ރިޔާސީ ނިޒާމުގައި އެންމެ ކުރީގައި އޮންނަ އެމެރިކާގައި ވެސް މަޖިލީހުގައި ސީޓިން އެރޭންޖްމަންޓް ހަމަޖެހިފައި ހުންނަނީ ޕާޓީތައް ވަކިން އަދި އަމިއްލަ މެމްބަރުން ވަކިން ހުންނަނީ. އެހެންވީމާ އަޅުގަނޑު ހުށަހަޅަން ބައެއް މެމްބަރުން ވިދާޅުވޭ އަތޮޅު މެމްބަރުން ވަކިން ތިބެން. އެހެންނަމަވެސް އަޅުގަނޑު ހުށަހަޅަން ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮނޑިތައް ވަކިވަކި ޕާޓީތައް ތިބޭގޮތަށް. ޕާޓީތައް ވަކިން އެއްތާކު ތިބޭގޮތަށް އޭރަން ފެންނާނީ.ތޮއްޑޫ ދާއިރާގެ މެމްބަރ ހަސަން ޝިޔާން
އެހެންނަމަވެސް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު ރަޝީދު ވަނީ ޝިޔާން ހުށަހެޅުއްވި ގޮތަކީ ރިޔާސީ ނިޒާމަށް ވުރެ ބޮޑަށް ބަރުލަމާނީ ނިޒާމުގައި ޤާނޫނު ހަދާ މަޖިލީސްތަކުގައި މެމްބަރުން އިށީންދެވަޑައިގަންނަވާ ތަރުތީބު ހުންނަ ގޮތް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ހުށަހަޅަން ހއ އިން ފެށިގެން އައްޑޫއާ ހަމައަށް އެއިން ތަރުތީބަށް ހުންނަން ހުށަހަޅަން. ޝިޔާން ހުށަހެޅުއްވި ހުށަހެޅުއްވުމަކީ ބޮޑަށް ރިޔާސީ ނިޒާމަށްވުރެ ބަރުލަމާނީ ނިޒާމުގައި އޮންނަ ގޮތްކަމަށް ބެލެވޭ. ރާއްޖޭގައި ޒަމާނުއްސުރެވެސް އޮންނަ ގޮތަކީ އަތޮޅުތައް ވަކިންފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު ރަޝީދު
މިއާއެކު ކޮމިޓީގެ މުގައްރިރު ހަސަން ލަތީފު ވިދާޅުވީ ރިޔާސީ ނިޒާމުގައި ޤާނޫނު ހަދާ މަޖިލިސް ތަކުގައި މެމްބަރުން އިށީންދެވަޑައިގަންނަވާ ތަރުތީބު ހުންނަ ގޮތުގެ ދިރާސާއެއް ހެދުމަށް އިދާރީ މުވައްޒަފުންގެ ކިބައިން އެދިވަޑައިގަންފައިވާ ކަމަށެވެ.
އެމެރިކާއަކީ އެންމެ ބޮޑު ރިޔާސީ ނިޒާމު. އެބޭފުޅުން ވިދާޅުވޭ ސިޔާސީ ޕާޓީތައް އުފެދުނީއްސުރެ އެތަނުގައި މަޖިލީހުގައި ތިބެނީ ވަކިވަކި ޕާޓީތައް ވަކިންކަމަށް. ފުރިހަމަ ރިޔާސީ ނިޒާމު އޮތީ އެމެރިކާގައި ކަމަށް ބަލާފައި އެގޮތަށް ރާއްޖޭގެ ޤާނޫނު އަސާސީ އިސްލާހު ގެނައީ. އެމެރިކާގައި ގޮނޑިތައް އެތުރިފައިވަނީ ސިޔާސީ ޕާޓީތައް ހުންނަގޮތުން. އިދާރީ ބޭފުޅުން ހައްދަވާނެ ރިސަރޗެއް. އެރިސަރޗްގައި އޮންނާނެ ގައުމުތަކުގައި ސީޓޓިންގ އެރޭންޖްމަންޓް ހުންނަ ގޮތްތަކާއި ބަލާފައި ހުންނަ ކަންކަމުގެ މައުލޫމާތުތައް. އޭރުން ދެން ކޮމިޓީން ގޮތެއް ނިންމާނީހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު
ހަސަން ލަތީފު އިތުރަށް ވިދާޅުވީ މި ދިރާސާ މެމްބަރުންނަށް ލިބިވަޑައިގަތުމުން މިކަމުގައި ކޮމިޓީން ދެކޭގޮތެއް ނިންމާނެ ކަމަށެވެ. އަދި ދިރާސާގައި ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގައި އެގޮތަށް ކަންކަން ކުރާ ގޮތާއި ސަބަބާއި އެނޫންވެސް މައުލޫމާތުތައް ވެސް ހުންނާނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
އަދި ކޮމިޓީގެ މެމްބަރުން ވެސް ވަނީ ޒަމާނުއްސުރެ އޮތްގޮތަކަށް ބަދަލު ގެންނައިރު ކަންކަން ރަނގަޅަށް ބަލާ ދިރާސާ ކުރުމަށްފަހު މަޖިލީހުން ގޮތެއް ނިންމުމަކީ ރަނގަޅު ކަމަކަށްވާނެ ކަަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގައި މަޖިލިސް ކުރާ މާލަމުގައި މިހާރު މެމްބަރުން އިށީންދެވަޑައިގެން ތިއްބަވަނީ މާލޭގެ ދާއިރާތަކުގެ މެމްބަރުން އެންމެ ކުރީގައެވެ. އެއަށްފަހު ހއ އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ދާއިރާތަކަށް ނިސްބަތްވާ މެމްބަރުން ތަރުތީބުން އަންނަ ގޮތަށެވެ.