ބިދޭސީން ބައިތިއްބަން ސަރުކާރުން ގުޅިފަޅުގައި ހިންގާ މަޝްރޫއުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްޒެޑް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދު (މާމިގިލި އިބޫ) ވިދާޅުވެއްޖެއެވެ.
ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ''ވޯކާސް ވިލެޖް'' ގެ ނަމުގައި ގުޅިފަޅުން ވަނީ 30 ހެކްޓަރުގެ ބިމެއް ހިއްކާފައެވެ. ގާތްގަނޑަކަށް 40،000 ބިދޭސީންނަށް ތިބެވޭ ޖާގައިގެ ވިލެޖްގެ މަސައްކަތް ފަށައި، މާލޭގައި ތިބި ބައެއް ބިދޭސީން ވަނީ އެތަނަށް ބަދަލުކޮށްފައެވެ.
ބުރާސްފަތި ދުވަހު ރާއްޖެއެމްވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ، މި ބިދޭސީން ދިރިއުޅެމުން ދަނީ ގުޅިފަޅުގައި އެމްއެންޑީއެފުން އިމާރާތް ކޮށްފައިވާ ވަގުތީ ހަތް އިމާރާތުގައި ކަމަށެވެ. އެއީ 400 މީހުންގެ ޖާގަަ ކަމަށް އިބޫ ވިދާޅުވިއެވެ.
އިބޫ އިތުރަށް ވިދާޅުވީ، ކޮވިޑް-19 ހާލަތު ގޯސްވުމާއި، އެޗްޑީސީއާ ޖީއެމްއައިޒެޑް މާޖް ކޮށްލުމުގެ މަސައްކަތާއި ގުޅިގެން މަސައްކަތްތައް ކޮންމެވެސް ވަރަކަށް މަސައްކަތް މަޑު ޖެހުނު ކަމަށެވެ. އެކަމަކު އަލުން އެ މަސައްކަތް ފަށައި ދެ މަހެއް ތެރޭގައި ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.
ޕްރޮޖެކްޓް މިހާރު އެހުރީ ބޮޑުބައި ނިމިފައި. އަޅުގަނޑުމެންނަށް އެ މަސައްކަތް ފެށޭތެ 45 ނުވަތަ 60 ދުވަސް ތެރޭގައި ގާތްގަނޑަކަށް 4000 މީހުން އެކޮމޮޑޭޝަން ނިންމާލެވޭ ވަރަށް އަޅުގަނޑުމެން ތައްޔާރުވެގެން މިތިބީއިބްރާހިމް ރަޝީދު - ޖީއެމްއައިޒެޑްގެ އެމްޑީ
އިބޫ ވިދާޅުވީ، ވޯކާސް ވިލެޖް ނިމިގެންދާއިރު އެ ތަނުގައި ކެފޭއެއްގެ އިތުރުން ބޯކަށާ ތަނެއް ވެސް ގާއިމު ކުރެވިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ''ވޯކާސް ވިލެޖް'' މަޝްރޫއު ދިނުމުގައި ސަރުކާރުގެ ވިސްނުމަކަށްވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މަސައްކަތް ހަވާލުކުރުން ކަމަށެވެ.
އެގޮތުން މިހާރު އެ މަސައްކަތް ހަވާލުކުރާނެ ކުންފުނިތައް އައިޑެންޓިފައި ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. ޖުމްލަކޮށް ސަރުކާރުން ގެންގުޅޭ ވިސްނުމަކީ މާލޭގައި މަސައްކަތްކުރާ ބިދޭސީން މަަސައްކަތް ނިންމާލުމަށް ފަހު އެ މީހުންނަށް ނިދަން ދެވޭ ތަަނަކަށް ގުޅިފަޅު ވެގެން ދިޔުމެވެ.
ގުޅިފަޅުގައި ބިދޭސީން ތިބޭ ތަނެއް ސަރުކާރުން ގާއިމްކުރަން ފެށީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އަޅަންފެށި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅިގެންނެވެ. އެގޮތުން ބަލި ފެތުރިއްޖެ ހާލަތެއްގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ ތެރޭގައި ބަލި ފެތުރުމުގެ ނުރައްކާ އޮތް ކަމަށް ފާހަގަކުރެވިގެން އެ މަސައްކަތް ވަނީ މާޗު މަހުގެ ކުރީކޮޅު ފަށާފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށާއި، ލިޔެކިޔުމެއްނެތި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އޭގެ ތެރޭގައި ރެގިއުލަރައިޒޭޝަން ޕްރޮގްރާމަކާއި، އަމިއްލައަށް އެދިގެން ގައުމަށް ފޮނުވާލުމުގެ ޕްރޮގްރާމެއް ހިމެނެއެވެ.