ޖިންސީ އަދި ޖިސްމާނީ އަނިޔާތަކުގެ ސަބަބުން މަރުވި, ގދ. ތިނަދޫ, ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ހައިކޯޓުން ކުރި ހުކުރުމަކީ އަންހެނުންގެ ހައްގުތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
ހައިކޯޓުގެ ތާރީހީ ހުކުމާ ގުޅިގެން ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުރާސްފަތި ދުވަހު ކޮށްފައިވާ ހުކުމަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެގޮތުން، ޖިންސީ ކުށުގެ ޤާނޫނުގައި ފިރިމީހާ އަނބި މީހާ “ރޭޕް” ކުރުމަކީ، ގާނޫނު ބަލައިގަންނަ، އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، މިއީ ރާއްޖޭގެ ތާރީޚުގައި، ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓު މަރުހަލާގައި ފިޔަވަޅު އެޅުމަށް ނިންމި ފުރަތަމަ ފަހަރު ކަމަށްވާތީ މިއީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅިގެންދިޔަ ނުހަނު މުހިއްމު ފިޔަވަޅެއް ކަމަށް ޖެންޑަރ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ޖެންޑަރ މިނިސްޓްރީން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ހިމާޔަތްކޮށް ދެމެހެއްޓުމަށް ކުރާ މަސައްކަތްތައް ފާހަގަކޮށްފައެވެ.
ޒިޔާދާގެ ކުރީގެ ފިރިމީހާ ގދ. ތިނަދޫ، ޖަވާހިރުމާގޭ ދެކުނު، އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން އުފުލީ ހަތަރު ދައުވާ އެކެވެ. އެއީ ފިރިމީހާ, އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.
މި މައްސަލައިގައި ޝާހުގެ މައްޗަށް ވަނީ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ސާބިތުވެ އެ ކުށާ ގުޅިގެން ދެވޭ އެންމެ މަތީ އަދަބު ކަމަށްވާ 3 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ބާކީ ހުރި ތިން ދައުވާގެ އިސްތިއުނާފު މަރުހަލާ ހައި ކޯޓުގައި ކުރިއަށްދާ ކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.