2014 ވަނަ އަހަރު މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް (އެމްއާރްޑީސީ) ލޭންޑިންގ ކްރާފްޓެއް ގަތުމަށް ހުޅުވާލި ބީލަން ކާމިޔާބު ކުރި ފަރާތަށް، އަގުގެ 50 އިންސައްތަ އަށް ވާ ފައިސާ ދީފައިވަނީ ކުންފުނީގެ ބޯޑު މެމްބަރުންގެ ނުފޫޒު ބޭނުންކޮށްފައިވާ މައްސަލާގައި ބޯޑުގެ ހަތަރު މެމްބަރެއްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އަންގާރަ ދުވަހު އޭސީސީން އާއްމު ކޮށްފައިވާ ބަޔާނެއްގައި ބުނީ، ލޭންޑިން ކްރާފްޓުގެ މައްސަލާގައި ދައުވާ ކުރަން ފޮނުވާފައިވަނީ އެމްއާރްޑީސީގެ ކުރީގެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް މއ. އެލީޒިއަމް އިބްރާޙިމް ނަޒީމް، ވ. ނަލަދުވެލި މުހައްމަދު ރިޔާޒް އަދި މއ. ޔެލޯ ޑައިމަންޑު އަހުމަދު ރަޝީދުގެ އިތުރުން ގ. މާބާދީގެ މުހައްމަދު އަލި ދީދީގެ މައްޗަށެވެ.
ކުރީ ސަރުކާރުގައި އެމްއާރްޑީސީގެ ބޯޑު މެމްބަރުކަމުގައި ތިއްބެވި ހަތަރު މެމްބަރުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފޮނުވާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނު ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލަ އަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް އޭސީސީން ވަނީ 2018 ވަނަ އަހަރު ނިންމާފައެވެ. ނަމަވެސް އެ މައްސަލަ އަލުން ބަލަން ނިންމީ މައްސަލަ ރިވިއު ކޮށްދިނުމަށް ތަހުގީގު ޓީމުން އެދުމުންނެވެ.
އޭސީސީން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި އެމްއާރްޑީސީ އަށް ލޭންޑިން ކްރާފްޓެއް ގަތުމަށް ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަށް އިސްލާހު ގެނެސް ލޭންޑިންގ ކްރާފްޓް ގަންނަ ޖުމްލަ އަގުގެ %50 (ފަންސާސް އިންސައްތަ) އަށްވާ 7,494,200.00 (ހަތް މިލިއަން ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ދުއިސައްތަ) ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެމްއާރްޑީސީގެ ބޯޑުން ފާސްކޮށްފައި ވަނީ، ބޯޑުގެ ހަތަރު މެމްބަރުންނަށް އެނގިހުރެކަމާ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ހަވާލު ކުރި ކުންފުންޏަށް ފައިދާ ހޯދައި ދިނުމަށް ކަން ޝައްކެއްނެތް މިންވަރަށް ތަޙްޤީޤަށް ސާބިތު ކުރެވިފައިވާ ކަމަށެވެ.