ގއ. މާނަގަލާގައި މަލްޓި ސްޕީޝީސް ހެޗަރީއެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި އެމަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ.
"ރާއްޖެއެމްވީ" އާއި ވާހަކަދައްކަވަމުން މެރިން ރިސާޗް އިންސްޓިޓިއުޓްގެ އެކުއެޓިކް ޕެތޮލޮޖިސްޓް ޝާފިއާ ނައީމް ވިދާޅުވީ މާނަގަލާގައި ކުރިއަށްދާ މަޝްރޫއަކީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމުން ފުރަތަމަ ކުރިއަށްދަނީ ތަނުގެ އިންފްރާސްރަކްޗަރގެ މަސައްކަތް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
އެއަށްފަހު، ހެޗަރީ ހިންގާނެ ފަރާތެއް ހޯދަން އިއުލާން ކުރާނެ ކަމަށާއި ހެޗަރީ ހިންގުން 20 އަހަރަށް އެފަރާތްތަކަށް ކޮންޓްރެކްޓް ކުރެވިގެންދާނެ ކަމަށް ވެސް ޝާފިއާ ވިދާޅުވި އެވެ.
އެންވެރިކަން އަމިއްލަ އަށް އުފެއްދޭނެ ގޮތްތަކެއް ހޯދުމަށް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން މަސްވެރިންނަށް އެން ހޯދުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރުމަށް އެން އާލާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިހެޗަރީގައި އެމުގެ ގޮތުގައި ބޭނުންކުރެވޭނެ ބާވަތްތައް އަދި ކޮމާޝަލް ސްކޭލްގައި އެކުއަރ ކަލްޗަރ ކުރެވޭނެ އެމުގެ ބާވަތްތައް އާލާކުރުމަށް ވަނީ ޕްލޭން ކުރެވިފައި. އެން ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި ވަކި މަސްވެރިކަމެއްގެ ގޮތުގައި އެންވެރިކަން ތަރައްޤީ ކުރުމަކީވެސް މިހާރުގެ ވިސްނުމެއް. އަދި މިވަގުތު ކުރިއަށްދަނީ ވީހާވެސް އަވަހަށް އިންފްރާސްރަކްޗަރގެ މަސައްކަތް ނިންމުން.މެރިން ރިސާޗް އިންސްޓިޓުގެ އެކުއެޓިކް ޕެތޮލޮޖިސްޓް ޝާފިއާ ނައީމް
މިހެޗަރީގައި ރާއްޖެއަށް ބޭނުންވާ އަދި ބޭރުގެ ބާޒާރުގައި ޑިމާންޑް އޮތް އެކި ބާވަތްތަކުގެ ކަނޑުގެ ދިރުންތައް އާލާކުރުމަށް ވަނީ ހަަމަޖެހިފަ އެވެ.
މާނަގަލާގައި ގާއިމް ކުރާ ހެޗަރީގައި އާލާކުރާނެ މައިގަނޑު ބާވަތަކީ ފާނައެވެ. އޭގެ އިތުރުން ހުއިފި ލަނޑާވެސް އާލާ ކުރާނެ އެވެ. އަދި އެމުގެ ގޮތުގައި ބޭނުންވާ ކަނޑުގެ ދިރުންތައްވެސް އާލާކުރުމަށް ވަނީ ނިންމާފަ އެވެ.
އެންވެރިކަން ދަށަށް ދިއުމުގެ ޝަކުވާތަކާއި އެން ހޯދަން ގިނަ އިރު ދަތުރުކުރަން ޖެހޭ ކަމުގެ ޝަކުވާތައް، މަސްވެރިން ކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ. އަދި ކުރިން އެން ހޯދަން ނިކުންނަ ސަރަހައްދުތަކުން މިހާރު އެއްވެސް ވަރަކަށް އެން ނުލިބޭ ކަމަށް ބުނެ މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ގާއިމުކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހިންގަމުންދާ ދިގު މުއްދަތުގެ ޕްރޮގްރާމުގެ ތެރެއިން، ރާއްޖޭގައި މޫދުކޮށީގައި ފާނަ ބޮޑުކޮށްގެން މާކެޓަށް ނެރުމަށް ދަނީ މަސައްކަތް ކުރަމުންނެއެވެ. މިއީ މިގޮތަށް ފާނަ ބޮޑުކޮށްގެން މާކެޓަށް ނެރޭ ފުރަތަމަ ފަހަރެވެ.
މެރިކަލްޗަރ ތަރައްޤީކުރުމަކީ، އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީ އާއި ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށް، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.