ހދ. ކުޅުދުއްފުށީ މޮނިޓަރިންގ ގެ ހާލަތު އުވާލައިފިއެވެ.
މޮނިޓަރިން އުވާލިކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށު ކައުންސިލަށް އަންގާފައި ވަނީ ހޯމަ ދުވަހުގެ ރެއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ކޮވިޑް-19 އިން ރައްކައުތެރިވުމުގެ ގޮތުން ޤާނޫނު ނަމްބަރު 7/2012 (އާންމު ސިއްޙަތު ރައްކައުތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ބަލަން ކަންޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެހެންކަމުން މޮނިޓަރިންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ
މިހިނގާ ސެޕްޓެމްބަރު މަހުގެ 25 ގައި ކުޅުދުއްފުށީ މޮނިޓަރިންގ އަށް ލެވިފއިވަނީ އެރަށާއި މާލެ އާ ދޭތެރޭ ދަތު ކުރާ ބޯޓެއްގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
ކުޅުދުއްފުށި ސިޓީން ފުރަތަމަ ޕޮޒިޓިވްވީ ފާޅު ބޯޓުގެ ކެޕްޓަނެވެ. އަދި އެ ބޯޓުގެ އިތުރު ދެ ފަޅުވެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އާދީއްތަ ދުވަހު ޕޮޒިޓިވްވީ މީހާއަކީ އެ ބޯޓުގެ ފަޅުވެރިއަކާއި ޑައިރެކްޓް ކޮންޓެކްޓްވުމުގެ ސަބަބުން އެކަހެރިކޮށްފައިވާ މީހެކެވެ. މީގެ އިތުރުން އެ ސިޓީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ކުޅުދުއްފުށީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 5ށް އަރާފައެވެ.
އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން ކުޅުދުއްފުށި ސިޓީގައި މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަލާމާތް ފެނިގެން ޕޮޒިޓިވްވި 3 މީހުންނާއި، ޑައިރެކްޓް ކޮންޓެކްޓްވި މީހަކާއި ކަރަންޓީންގައި ހުރި މީހެކެވެ.