ދެ އެއާޕޯޓެއްގައި ރެސްޓޯރެންޓް ހަދައި ހިންގާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.
ހޯމަ ދުވަހު ރީޖަނަލް އެއަޕޯޓްސް އިން ކުރި އިއުލާނެއްގައި ބުނީ، ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން ހއ. ހޯރަފުށި އަދި ހދ. ކުޅުދުއްފުށި އެއާޕޯޓް ގައި މަދުވެގެން އެއްފަހަރާ 50 މީހުންނަށް ހިދުމަތް ދެވޭނެ ރެސްޓޯރަންޓެއް ހަދައި ހިންގާނެ ބަޔަކު ހޯދަން ހުޅުވާލާފައިވާ ކަމަށެވެ.
އަދި، އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއާޕޯޓްސް އޮފީހަށް އަށް ގޮސް މައުލޫމާތު ސާފު ކުރަން ވަނީ އެދިފައެވެ. ޕްރޮޕޯސަލް ހުށައަޅަން ޖެހެނީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ 11:00 ގެ ކުރިންނެވެ.
ހޯރަފުށި އަދި ކުޅުދުއްފުށީ އެއާޕޯޓުގައި ރެސްޓޯރެންޓް އަޅައި ހިންގާނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވާއިރު، މި ދެ އެއާޕޯޓްގެ ތެރެއިން ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފައިވާ ގޮތުން އެ ކުންފުނިން ކުރާ މަސައްކަތްތައް މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެއެވެ. މިހާރު ކުރިޔަށް ދަނީ ތާރުއެޅުމުގެ މަސައްކަތުގެ އިތުރުން ފަސެންޖާ ޓާމިނަލް އެޅުމުގެ މަަސައްކަތެވެ.
ހޯރަފުށީގައި އަޅަން ނިންމި އެއާޕޯޓަކީ ކުރީ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓެކެވެ. ހޯރަފުށީގައި އެއާޕޯޓް އެޅުމާއެކު ރާއްޖޭގެ އެންމެ އުތުރަށް ދަތުރު ކުރުމަށް ލުއި ފަސޭހަކަން ލިބިގެންދާނެއެވެ.