ކ. މާލެ
|
28 ސެޕްޓެންބަރ 2020 | ހޯމަ 18:35
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ރާއްޖެއެމްވީ
ސިޔާސީ ދުނިޔެ
2023 ގެ ރިޔާސީ ކެނޑިޑޭޓުންގެ ލިސްޓުގައި ޔާމީންގެ ނަން އޮންނާނެ: އާދަމް ޝަރީފް
ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު
ޔާމީންގެ ސަރުކާރުން ވަނީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފަ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އިން މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން 2023 ގެ ރިޔާސީ ކެނޑިޑޭޓުންގެ ލިސްޓުގައި އޮންނާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާނެ ހުރިހާ އެއްބަސްވުންތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލުން ވެރިކަމަށް ވަޑައިގެން އުވާލާވާނެ ކަމަށް ވިދާޅުވެ އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ 2023 ގެ ރިޔާސީ ކެނޑިޑޭޓުންގެ ލިސްޓުގައި ޔާމީންގެ ނަން އޮންނާނެ ކަމަށާއި އެމަނިކުފާނު ގައުމުގެ ސިޔާދަތު އަލުން ހޯއްދަވައި ދެއްވައި ރައްޔިތުންނަށް ހިދުމަތް ކުރައްވާނެ ކަމަށެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެ ޓްވީޓް ކުރެއްވިއިރު، ރައީސް ޔާމީނަށް ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

ދިވެހި ރާއްޖޭގެ ގާނޫނޫ އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބުކުރާ މީހެއްގައި ހުންނަންވީ ޝަރުތުގެ ތެރޭގައި ޖިނާއި ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވާން ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގުޅުވައިގެން އާދަމް ޝަރީފް ވާހަކަ ދެއްކެވިއިރު، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ގާނޫނަށް ވެސް ބަދަލު ގެންނަވާފައެވެ. އަދި އެއާއެކު ފާފު އަތޮޅުން ބައެއް ސައޫދީ ރަސްގެފާނަށް ވިއްކާލުމަށްޓަކައި އޭރުގެ މަޖިލީހުގައި ތިއްބެވި ސަރުކާރުގެ މެންބަރުންނާއި ޔާމީންގެ ސަރުކާރުން ވެސް ދިޔައީ ރެޔާއި ދުވާލު މަސައްކަތް ކުރަމުންނެވެ.

ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވި ބަސްފުޅު

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2015 އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު އެމަނިކުފާނު ވަނީ ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ސަރަހައްދުން ބައެއް މިލްކު ކުރި ނަމަވެސް، ރާއްޖޭގެ ސިޔާދަތީ ބާރު އެތަނުގެ މައްޗަށް ފުރިހަމައަށް ހިނގާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަސްދީޤު ކޮށްދެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެދުވަހު ރައީސް ޔާމީން ވިދާޅުވެފައިވަނީ ޤާނޫނު އަސާސީއަށް ގެންނެވި ބަދަލުގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް އެއްވެސް ބައްދަލެއް ނާންނާނެ ކަމަށާއި، އެ ބިލުގެ ސަބަބުން ސަރަޙައްދީ ސަލާމަތާ ގުޅިގެން އަވަށްޓެރި ޤައުމުތަކާއި ދިވެހި ދައުލަތް ކަންބޮޑުވާންޖެހޭ ކަމެއް ނޯންނާނެ ކަމަށެވެ. އަދި ބޭރުގެ ފަރާތަކަށް ބިން މިލްކު ކޮށްދިނުމަށް ނިންމެވުމަކީ ސަރުކާރުން ހުއްދަ ދެއްވުމުން، ރައްޔިތުންގެ މަޖިލީހުން އެކަމަށް ރުހުން ލިބިގެން ކުރެވުނު ކަމެއްގެ ގޮތުގައެވެ.

އަދުގެ ސަރުކާރުން ރާއްޖެއާއި އިންޑިއާއާ ދެމެދު ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރަމުންދާއިރު، ސިޔާސީ އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ސަރުކާރުން އިންޑިއާ އާއި ގުޅިގެން ރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ މިނިވަންކަން ނެތިގެންދާ ކަމެކެވެ. އެހެންކަމުން މިނިވަންކަން ހޯދުމަށް ރައީސް ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އިދިކޮޅުން އަންނަނީ ގޮވާލަމުންނެވެ.

- ކޮމެންޓް