ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ބޭރުތެރޭގައި އުޅުން މަނާ ގަޑީގައި ދުއްވާ އެއްޗެހި ދުއްވުމާއި ޑެލިވަރީ ކުރުން އިތުރުވެފައިވާ ކަމަށް ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އާންމުން އަމަލުކުރަމުންދާ ގޮތާއި މިކަމާއި ގުޅޭގޮތުން ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ވައިރަސް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އާންމު ރައްޔިތުން އަމަލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ފިޔަވަޅުތައް އެންމެ ފުރަތަމަ އެޅި ދުވަސްވަރާއި ޚިލާފަށް މިހާރު އެފިޔަވަޅުތަކަށް އަމަލުކުރަމުންދާ އާންމުން މަދުވަމުންދާ ކަން ފާހަގަކުރެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިފަހަކަށް އައިސް މަނާ ގަޑިތަކުގައި ވެހިކަލް ދުއްވުމާއި އާންމު ރައްޔިތުން މަގުމަތިން ފެންނަލެއް އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ރޭގަނޑު ދުއްވާ އެއްޗެހި ދުއްވުން މަނާކޮށްފައި އޮންނަ ގަޑިކަމަށްވާ 8ން ފަތިހު 5ށް ހަތަރު ފުރޮޅުލީ އުޅަނދާއި ސައިކަލް ދުއްވާލެއް އިތުރުވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރޭގަނޑު 8ން ފަތިހު 5ށް ދުއްވުން މަނާކޮށްފައި އޮންނައިރު މިފަހަކަށް އައިސް ފުރަތަމަ ދުވަހުން ފެށިގެން ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެމުން އައިސް އެހެންނަމަވެސް މިހާރު އަނެއްކާވެސް އެއަދަދުތައް އިތުރު ވަމުންދާތަން ފާހަގަކުރަން. އަދި ހަމައެއާއެކު މަގުމައްޗަށް ނިކުންނަ އާންމު ރައްޔިތުންގެ އަދަދު އިތުރު ވަމުންދާކަން އެބަ ފާހަގަކުރެވޭ. މިއީ ފަރުވާ ކުޑަކޮށްލައިފިނަމަ ނަތީޖާ ގޯސްވެދާނެ ކަންކަން.ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަރީފް
މީގެއިތުރުން ރޭގަނޑު 9:30 ގެ ފަހުން ރެސްޓޯރެންޓްތަކާއި ފިހާރަތައް ބަންދުކުރަން އޮންނަނަމަވެސް އަނެއްކާވެސް އޭގެފަހުންވެސް ހުޅުވައިގެން ޚިދުމަތްދޭ ދިނުން އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތަށް އެކަން ނުކުރުމަށް އިލްތިމާސްކުރާ ކަަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުުރުން ރޭގަނޑު މަނާ ގަޑީގައި ޑެލިވަރީގެ ޚިދުމަތް ދެމުން އަންނަކަން ފާހަގަކުރެވޭ ކަމަށާއި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެކަން ކުރަމުން އަންނަކަމަށް ޝަރީފް ވިދާޅުވިއެވެ.
ބައެއް ފަރާތްތަކުން މިކަން ކުރާއިރުގައި ބައެއް ކުންފުނިތަކުގެ ނަން ޖަހައިގެން ޓީޝާރޓް ލައިގެން ބޭގް އަޅުވައިގެން މަސައްކަތްކުރޭ. މިގޮތަށް މިމީހުން މަސައްކަތްކުރަނީ ވަކި ކުންފުންޏެއް ބައެއް ދިމަދިމާލުގައި ޑެލިވަރީއަށް ބޭނުންވާ އެއްޗެހި އެކި ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި މިވަސީލަތްތައް ބޭނުންކޮށްގެން މިކަން ކުރަމުންދަނީ. އެހެންވީމާ މިހާހިސާބަށް ވަރަށް ގިނަ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާކުރަނީ. ޖޫރިމަނާކުރިކަމުގައި ވިޔަސް ހަމަ ރިޕީޓްކޮށް އެއް ރެޔަކު ޚިދުމަތް ދެމުންދާކަން ފާހަގަކުރެވޭ. ބައެއް ފަހަރު އަޅުގަނޑުމެން ނަސޭހަތްދީގެންވެސް ހައްލުނުވީމާ އަޅުގަނޑުމެންގެ ބެލުމުގެ ދަށަށްވެސް ގެންނަންޖެހޭ. އެހެންވީމާ އެކަން ކުރުވާ ފަރާތްތަކުން މިކަން ހުއްޓުވައުދިނުމަކީ އެއީ ވަރަށް ބޮޑަށް އެދޭކަމެއް. އަދި މިގޮތަށް އަޅުގަނޑުމެން މީސްމީހުން ހުއްޓުވައި ގެނެސް ވާހަކަދައްކާއިރުގައި ގިނަ މީހުން ލައިސަންސް ނުނަގާ އުޅަނދު ދުއްވާކަން ފާހަގަކުރެވޭ.ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަރީފް
ޝަރީފް ވިދާޅުވީ ލައިސަންސް ނުނަގާ ދިވެހިންނާއި ބިދޭސީންވެސް އުޅަނދު ދުއްވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަަމުން މިކަމަކީ މަނާކަމަކަށްވާތީ ކުރިޔަށް އޮތްތަނުގައި މިކަން ކުރުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވަނީ، ހުކުރު އަދި ހޮނިހިރު ދުވަހު ގިނަ އަދަދެއްގެ ބިދޭސީން މާލޭގައި ހުންނަ ހުސްބިންތަކަށް އެއްވާކަން ފާހަގަކުރެވިފައިވާ ކަމަށާއި މިކަމަކީވެސް މަނާކަމަކަށްވާތީ ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެފަދަ ކަންކަމަށް ސަމާލުކަން ދިނުމަށްވެސް އިލްތިމާސްުކުރައްވާފައެވެ. އަދި މަގުމަތީގައި އުޅޭއިރު ޝިފްޓް ޑިޔުޓީގައި އުޅޭ ފަރާތްތަކުން ލިބިފައި އޮންނަ ހުއްދައިގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަންވެސް ފާހަގަކުރެވިފައިވާ ކަަމަށް ޝަރީފް ވިދާޅުވިއެވެ.
އެ ހުއްދަ ބޭނުންކުރަނީ ބޭނުންކުރަން އޮންނަ ގަޑީގައިތޯ ބަލަންޖެހޭ ކަމަށާއި ބައެއް ފަހަރު ދިމާވާ މައްސަލައަކީ ވެހިކަލް ދުއްވަން ހުއްދަ އޮންނަ ފަރާތަކުން ނޫން ފަރާތްތައް ވެހިކަލް ދުއްވުން ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތަށް ކަންތައް ނުކޮށް އޮންނަ އުސޫލުގެ ތެރެއިން ކަންކަން ކުރުމަށް ޝަރީފް އެދިލެއްވިއެވެ.
މީގެ އިތުރުން، އަތޮޅުތަކުން މާލެ އަންނަ ބޯޓުފަހަރުން މާލެއަށް ފައިބަންޖެހޭ މީހުން ނޫން އެހެން މީހުން ފައިބާ އަދި އަނެއްކާވެސް އުޅަނދަށް އަރައިގެން އެނބުރި ރަށަށްދާކަން ފާހަގަކުރެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިގޮތަށް ކަންތައްކުރުމުން އިތުރަަށް ބަލި ފެތުރުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.