ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާ އަދާކުރަމުންދާ މުއައްޒަފުންނަށް ސަރުކާރުން ބިރުދައްކަމުން ގެންދާ ކަން ވަރަށް ސާފުކޮށް ހާމަވާން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ބޮޑު ސުވާލު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އެކި މުއައްސަސާތަކުގައި މަސައްކަތް ކުރާ މުއައްޒަފުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އެގޮތުން ސަރުކާރާއި ކިރިޔާވެސް ހިޔާލު ތަފާތުވާ މުއައްޒަފުން އެހެން ރަށްރަށަށް ވަޒީފާ އަދާ ކުރުމަށް ބަދަލުކުރަމުންދާ ކަމަށެވެ.
ގިނަ ރައްޔިތުންނަކީ އާއިލާއާއެކުގައި ވަޒީފާ އަދާކޮށް ދިރިއުޅުން ބައްޓަން ކުރަން ބޭނުންވާ މީހުން ކަމަށްވާއިރު ސަރުކާރުން މިގޮތަށް އެއްތަނުން އަނެއް ތަނަށް ވަޒީފާ ބަދަލު ކުރުމުން އެފަރާތްތަކަށް ދަތިތަކާއި އުނދަގޫތައް ތަހައްމަލު ކުރަން ޖެހިފައިވާ ކަމަށްވެސް ނާޒިމް ފާހަގަކުރެއްވި އެވެ.ރަށުގައި ވަޒީފާ އަދާކުރަން ބޭނުންވާ ނަމަ ޕީޕީއެމްއަށް މެމްބަރުން އިތުރުކޮށް ވަކި އަދަދަކަށް ފޯމްވެސް ހުށައަޅަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މީޑިޔާތަކަށް ބިރު ދައްކާ ނޫސްވެރިންނަށް މިނިވަން މީޑިޔާގައި މަސައްކަތް ކުރުމުގެ މާހައުލެއް ޤާއިމްކޮށް ނުދީ ދަތިތައް ކުރިމަތި ކުރުވާފައިވާއިރު، ނާޒިމް ވިދާޅުވީ ރާއްޖެޓީވީގެ ސްޓޭޝަންގެ މުއައްޒަފުންނަށް ދައުވާކޮށް ޖޫރިމަނާ ކުރަމުން ގެންދަނީ ބޭއިންސާފުން ކަމަށެވެ.