ސްކޫލްތައް ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ 1400 ޑިސްއިންފެކްޓެންޓް ކެމިކަލް ޔުނިސެފްގެ އެހީގެ ދަށުން ގަތުމަށް ބޭނުންވެގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއުލާންކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށެވެ. ސެޕްޓެމްބަރ މަހުގެ 29ގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/5،000 ރުފިޔާ ހުށަހަޅަންޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަސް ކަމަށާއި ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީއޮކްޓޫބަރު 06 ވަނަ ދުވަހުގެ 10:00 ގައި މިނިސްޓްރީއޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 1 ގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދެމުން އަންނަނީ ސިއްހީ ގޮތުން ރައްކާތެރިިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. ކޮވިޑާއި ގުޅިގެން ސްކޫލްތައް ބަންދުކުރުމަށްފަހު ޖުލައި މަހު ސްކޫލުތައް ހުޅުވާލިއިރު ސްކޫލުތަކަށް ބޭނުންވާ އަތްދޮންނަ ސައިބޯންޏާއި ކުދިންގެ ޓެމްޕަރޭޗާ ބަލާގެ ތާމޯމީޓަރު ވަނީ ހޯދައިފައެވެ. އަދި ކުދިން ސްކޫލަށް ހާޒިރުވާންޖެހޭނީ މާސްކު އަޅައިގެން ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
މާލެ ސަރަހައްދުގައި ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމުން އޮގަސްޓް މަހު ތެރޭގައި ސްކޫލްތައް ބަންދުކުރުމަށްފަހު އަންނަ ހަފްތާ އިން ފެށިގެން ގްރޭޑު ނުވަޔަކުން 12 އަށް ސްކޫލުތަކުގައި ކިޔަވައިދެން ފަށަން ވަނީ ނިންމައިފައެވެ. މިމުއްދަތުގައި ކުދިންނަށް ކިޔަވައި ދެމުން އައީ އޮންލައިންކޮށެވެ.