ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10،000ށް ވުރެ މައްޗަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް 75 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 66 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށްވާއިރު، 9 މީހަކު އަތޮޅުތެރެއިން ވަނީ ޕޮޒިޓިވްވެފައެވެ. އެއީ 53 ދިވެހިންނާއި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 22 މީހުންނެވެ.
1300 އެކްޓިވް ކޭސް ހިމެނޭއިރު، މިހާރު ވެސް 82 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މިވަގުތު ވެސް އައިސޮލޭޝަން ފެސިލިޓީގައި 796 މީހަކު އެބަ ތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ 10،014 ކޭސް ރިޕޯޓު ކުރެވިފައިވެއެވެ. އަދި 8673 މީހަކު ބަލިން ވަނީ ފަސޭހަވެފައެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ ބަޔަކު ޓެސްޓު ކުރަމުންދާއިރު، މިހާތަނަށް ރިޕީޓެޑް ސާންޕަލްތަކާއެކު ޖުމްލަ 146،417 ސާންޕަލެއް ނަގާފައިވެއެވެ.
ކޮވިޑް-19 ގައި މިހާތަނަށް މަރުވެފައިވަނީ 34 މީހުންނެވެ. މީގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.
މާލޭގެ އިތުރުން އަތޮޅު ތެރެއިން ވެސް ވަނީ ކޮވިޑް-19ގެ ކޭސްތައް ފެނިފައެވެ. އެގޮތުން މިހާތަނަށް 22 ރަށަކުން 26 ރިސޯޓަކުން އެކްޓިވް ކޭސް ވަނީ ފެނިފައެވެ.
މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫ، ހދ. ކުޅުއްދުއްފުށި އަދި ހދ. ނޮޅިވަރަމްއެވެ.
ކޮވިޑް-19ގެ ކޭސްތައް މަސް ދުވަހަށްފަހު ދަށަށް ގޮސްފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކޮންސަލްޓެންޓް ޑރ. ޝީނާ މޫސާ ވަނީ ވިދާޅުވެފައެވެ. އަދި ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.