ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ 70 އިންސައްތަ އަކީ ފިރިހެނުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހެލްތު މިނިސްޓްރީގެ ޑޭޝްބޯޑުން ދައްކާގޮތުގައި ރާއްޖޭގައި ކޮވިޑު ޖެހުނު 9,770 މީހުންގެ ތެރެއިން 6,928 މީހުންނަކީ ފިރިހެނުންނެވެ. އެއީ ބަލި ޖެހުނު މީހުންގެ 69.71 އިންސައްތަ އެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 2,991 މީހުންނަކީ އަންހެނުންނެވެ. އެއީ 30.09 އިންސައްތަ އެވެ.
މީގެއިތުރުން ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ތެރެއިން 8,597 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. މިއާއި އެކު ބަލިން ރަނގަޅުވި މީހުންގެ އިންސައްތަ ވަނީ 86.50 ށް އަރާފައެވެ.
ބުދަ ދުވަހުގެ އިރުއޮއްސި 6:00 ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ށް ގެ ނިޔަލަށް ޕޮޒިޓިވްވީ 54 މީހުންނެވެ. މީގެ ތެރެއިން 50 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. 4 މީހަކު ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ. ބުރާސްފަތި ދުވަހު 67 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ.
ޑޭޝްބޯޑުން އިތުރަށް ފެންނަން ހުރި ތަފާސް ހިސާބުތަކަށް ބަލާލާއިރު މިހާތަނަށް ރާއްޖެއިން 9700ށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 6,248 މީހުންނަކީ ދިވެހިންނެވެ. އެއީ ރާއްޖެއިން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ 62.86 އިންސައްތައެވެ.
ބާކީ 37.14 އިންސައްތައަކީ ބިދޭސީންނެވެ. އެގޮތުން 2,782 ބަންގްލަދޭޝް ރައްޔިތުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެއީ ރާއްޖެއިން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ 27.99 އިންސައްތައެވެ. މިހާތަނަށް ރާއްޖެއިން އިންޑިއާގެ 558 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާއިރު އެއީ 5.61 އިންސައްތަ މީހުންނެވެ.