ތަރިކަ ހިމާޔަތްކޮށް ރައްކައު ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމުގައި ދެކުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގް އެދިވަޑައިގެންފި އެވެ.
ތޯރިގު މިހެން ވިދާޅުވެފައި މިވަނީ އިސްލާމީ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ހުކުުރު ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ތޯރިގު ވަނީ އިސްލާމީ ދުނިޔޭގެ މުއްސަނދި ސަގާފަތާއި އާދަކާދައާއި ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއެއް ކަމުގައި ދެކިގެން އެކަން ކުރުމަށް އަޒުމު ކަނޑައެޅަމަށް އެދިވަޑައިގެންފައެވެ.
ރާއްޖޭގެ އާސާރީ ތަންތަނާއި ސަގާފީ ތަރިކަތައް ރައްކާތެރިކުރުމަށް ހެރިޓޭޖް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދާދި ފަހުން ވަނީ ދިވެހިރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކަށް ޚާއްސަކޮށްގެން، ވިލާތުގެ އިއްތިހާދާއި ގުޅިގެން ވެބްސައިޓެއްވެސް އާއްމުކޮށްފައެވެ.
މީގެ އިތުުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ތަރިކަތަށް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށް ތޯރިގު ވަނީ ވިދާޅުވެފައެވެ.
މިނިސްޓްރީއާއި ވާރލްޑް މޮނިއުމެންޓް ފަންޑާއި ގުޅިގެން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެމަސައްކަތް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް ތޯރިގު ވަނީ ވިދާޅުވެފައެވެ.