ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގައި ދޮގު ޑޮކިއުމެންޓެއް ތައްޔާރުކުރަން އުޅުނު، ކުރީގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލަ ބަލަމުންދާ ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަން (މަރު ކޮމިޝަން) އިން ބުނެފިއެވެ.
"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން މަރު ކޮމިޝަނުން ބުނީ، ކުރީގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށާއި، އެ ކޮމިޝަނުން މިފަދަ މައްސަލަތަކުގައި ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅުވެސް އަޅަމުންދާ ކަމަށެވެ. ނަމަވެސް، ރިލްވާން ވަގަށް ނަގައި މާރަލި މައްސަލައިގައި، މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވޭނީ މުޅި މައްސަލައިގެ ތަހުގީގު އެއްކޮށް ނިމުމުން ކަމަށް ވެސް މަރު ކޮމިޝަނުން ބުނެއެވެ.
ރިލްވާންގެ މަރާ ގުޅިގެން ކުރާ ތަހުގީގާ ގުޅިގެން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ ކޮމިޝަނުން އަންނަނީ ބޭރުގެ ފަންނީ މާހިރެއް އައްޔަނުކޮށްގެން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން ނިންމާފައެވެ. މަރު ކޮމިޝަންގެ ތަހުގީގަށް ބޭރުގެ ފަންނީ މާހިރަކު އައްޔަންކުރަން ރައީސް ސޯލިހު އަރިހުގައި އެދުނީ ރިލްވާން އާއި، އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއިންނެވެ.
ދާދިފަހަކާ ޖެހެންދެން ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި ހަސަން އަލީގެ މައްޗަށް ކުރެވެނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލްގައި މަސައްކަތްކުރާ ދެ ފުލުހުންނާއި ގުޅިގެން ޓްރެވަލް ޑޮކިއުމެންޓެއް ތައްޔާރުކުރަން މަސައްކަތް ކޮށްފައިވާކަމުގެ ތުހުމަތެކެވެ. އެ ޑޮކިއުމެންޓް ތައްޔާރުކުރަން އުޅުނީ ރިލްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައެވެ. ކުރީގެ ފަނޑިޔާރު ހަސަން އަލީ އޭރު ހުންނެވީ އިމިގްރޭޝަންގެ ކޮންޓްރޯލަރގެ މަގާމުގައެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހަސަން އަލީ ހުންނަވަނިކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ސަމާލުކަމަށް މި މައްސަލަ ގެނައީ ވެސް މަރު ކޮމިޝަނުންނެވެ. މަރު ކޮމިޝަނުން ބުނެފައިވަނީ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެހެންކަމުން، ޖޭއެސްސީން ވަނީ ހަސަން އަލީ ފަނޑިޔާރު ކަމުގެ މަސްއޫލިއްތާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާފައެވެ.
ހަސަން އަލީ ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑް ކޮށްފައިވަނީ މިދިއަ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަސަން އަލީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެބަޔާނުގައި ޖޭއެސްސީން ބުނެފައިވަނީ، ފަނޑިޔާރު އިސްތިއުފާ ދެއްވީ އެ ކޮމިޝަނުގެ އަޑުއެހުމަށް ހާޒިރުވުމަށް އަމުރު ފޮނުވާފައިވަނިކޮށެވެ.
ޖޭއެސްސީން އަމުރު ފޮނުވާފައިވަނީ ހަސަން އަލީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ފަހު އަޑުއެހުމަށެވެ. ހަސަން އަލީ ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައިގެ، ފަހު މަރުހަލާ ރައްޔިތުންގެ މަޖިލީހުގައި ވެސް ކުރިއަށް ގެންދަނިކޮށެވެ. އޭރު އޭނާ ފަނޑިޔާރު ކަމުގެ މުސާރަ ނަންގަވައިގެން ގޭގައި ހުންނަތާ ވެސް 10 މަސްދުވަސް ވަނީ ވެފައެވެ.
ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރެވުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2018 ވަނަ އަހަރުގެ މަރޗް މަހުގެ 18 ވަނަ ދުވަހުގައެވެ. އޭނާ ވަނީ ކުރިން ހައި ކޯޓުގެ ރަޖިސްޓްރަރގެ މަގާމުވެސް އަދާކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހައުސިން މިނިސްޓްރީގެ ނައިބުގެ މަގާމުވެސް ފުރުއްވިއެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ކެމްޕެއިންތަކުގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައި ވެއެވެ.