ޕީސީއާރު ޓެސްޓް ހަދަމުންދާ ޓެސްޓް ކިޓްތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނެޝަނަލް ރިފަރެންސް ލެބޯރްޓަރީން ބުނެފިއެވެ.
އެއްވެސް އަލާމާތެއް ނެތި ނެގޭ ރެންޑަމް ސާމްޕަލްތަކުންވެސް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވަމުންދަނީ ޓެސްޓް ކިޓް ތަކުގައި މައްސަލައެއް އުޅެގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަމާއި ގުޅޭ ގޮތުން ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ސީނިއަރ ލެބޯޓްރީ ޓެކްނޮލޮޖިސްޓް ފާތިމަތު އިބްރާހިމް ވިދާޅުވީ ކޮންމެ ކޮންމެ ޓެސްޓް ކިޓެއް ބޭނުން ނުކުރާ ކަމަށާއި ކިޓްތައް ބެނުން ކުރަމުންދަނީ ވެލިޑޭޓް ކޮށްފައި ކަމަށެވެ.
އަޅުގަނޑުމެން ކޮންމެ ކޮންމެ ޓެސްޓްކިޓެއް ބެނުމެއް ނުކުރަން. ޓެސްޓް ކިޓެއް ބޭނުން ކުރަންޏާ މި ކުރަނީ އޭތި ވެލިޑޭޓް ކޮށްފައި. އަޅުގަނޑުމެން އަތުގައި ހުންނާނެ ބައިވަރު ސާމްޕަލްތައް. ޕޮޒިޓިވް ނެގެޓިވް ސާމްޕަލް. ޕޮޒިޓިވް ގެވެސް އެކި ލެވަލްގެ ސާމްޕަލް ހުންނާނެ.ސީނިއަރ ލެބޯޓްރީ ޓެކްނޮލޮޖިސްޓް ފާތިމަތު އިބްރާހިމް
ފާތުން ވިދާޅުވީ 40 އަކަށް ސާމްޕަލް ރަންކޮށްފައި އޭގެ ރިޒަލްޓްސް ސެޓިސްފެކްޓްރީ ވުމުން ނޫނީ އެ ބޭނުމެއް ނުކުރާ ކަމަށެވެ. އެހެންކަމުން ޓެސްޓް ކިޓް ތަކުގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށެވެ.
އެސިމްޓޮމެޓިކް މީހުންވެސް ތިބޭ ކަމަށާއި އެފަދަ ފަރާތްތައް އެއްވެސް އަލާމާތެއް ނުފެނި ޕޮޒިޓިވްވުން އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.
މީގައި ދެން ވަރަށް ބައިވަރު ފެކްޓަރސްތައް އެކުލެވިގެންވޭ. މިސާލަކަށް މީގައި މި އިންނަނީ ސާމްޕްލިން އެކްސްޓްރެކްޝަން ޓެސްޓިން ރިޕޯޓިން. މިއިން ކޮންމެ ތަނެއްގައިވެސް ހިނގައިދާނެ މައްސަލައެއް. ސާމްޕްލިންގައި ހިނގައިދާނެ މިސާލަކަށް އޭނަގެ ސާމްޕަލް ނެގުމުގައި މިސާލަކަށް މައްސަލައެއް ހުރެއްޖިއްޔާވެސް ފަހަރެއްގައި އޭތި ޑިޓެކްޓް ނުވެދާނެ. މިކަހަލަ މައްސަލަތައްވެސް ހުރޭ.ސީނިއަރ ލެބޯޓްރީ ޓެކްނޮލޮޖިސްޓް ފާތިމަތު އިބްރާހިމް
އެއްވެސް ޓެސްޓަކީ ދުނިޔޭގައި 100 ޕަސެންޓް ޔަޤީން އެއްޗެއް ނޫން ކަަން ފާތުން ފާހަގަ ކުރެއްވިއެވެ.
ޕީސީއާރު ޓެސްޓަކީ "ގޯލްޑް ސްޓެންޑަރޑް" ޓެސްޓެއް ނަމަވެސް މި ޓެސްޓްގައި ވެސް މައްސަލަތަކެއް ހުރެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ފަހަރު ފޯލްސް ޕޮޒިޓިވްވެސް އަދި ފޯލްސް ނެގެޓިވްވެސް އައިސްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާތުން ވިދާޅުވީ ހުރިހާ ޓެސްޓްތަކުގެ ތެރެއިން ޕީސީއާރް ޓެސްޓަކީ ކޮވިޑް19 ޑައިގްނޯސް ކުުރުމަށްޓަކައި ހެދޭ އެންމެ ރަނގަޅު ޓެސްޓް ކަމަށެވެ.
އައިޖީއެމްއެޗް އިން ކޮވިޑް-19އަށް ހަދަމުންދާ ޓެސްޓްތަކަށް ދުނިޔޭގެ ސިއްޚަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) އިން %100 ވަނީ ދީފައެވެ.
އެ ހޮސްޕިޓަލުން ހަދަމުންދާ ޓެސްޓް ތަކަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޓެސްޓްތަކެއް ކަން ވަނީ ކަށަވަރު ކުރެވިފައެވެ.