ބިޑްކުރުމަކާނުލައި ސަރުކާރުގެ މަސައްކަތްތައް ހަވާލުކުރެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި އޮންނަ މާއްދާ ބާތިލު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާ ދިން ގޮތަށް އެ މާއްދާއަށް ބަދަލުގެނެސްފިއެވެ.
މިކަން ހާމަކުރައްވާ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ކުރެއްވި ޓުވީޓެއްގައި ވަނީ ކޮރަޕްޝަންގެ ހިރާސް ކުޑަ ކުރަން މާލިއްޔަތު ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އަދި ކޯޕަރެޓިވް ސޮސައިޓީ އަދި ގައުމީ ޖަމިއްޔާ އާ ސިންގަލް ސޯސް ކޮށް ދެވޭ ގޮތަށް ކުރިން އޮތް މާއްދާ މިހާރު ބަދަލު ކޮށްފައިވާކަމަށް ވެސް ވިދާޅުވިއެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (2017) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގެ 10.27ގެ (ހ) އަދި (ށ) ގައި ކުރިޖް އޮތް ގޮތުން، އާންމުކޮށް ބީލަމަށް ހުޅުވާނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ނުވަތަ ސަރުކާރުގެ މަޞްލަޙަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ނުވަތަ ގައުމީ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތެއްކަމަށް ސަރުކާރުން ޤަބޫލުކުރާ ފަރާތަކާ މަސައްކަތް ހަވާލުކުރުމުގެ ފުރުޞަތު އޮވެއެވެ.
އެކަމާ ގުޅިގެން އޭސީސީން ބުނީ، އިޢުލާނު ކުރުމަކާނުލައި ސަރުކާރުގެ މަޞްލަޙަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ހަވާލުކޮށްގެން މަސައްކަތްކުރެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙު ފަރުމާ ކޮށްފައިވުމުން، ދައުލަތުގެ އިދާރާއަކުން މާލިއްޔަތުގެ ގަވާއިދަށް ޢަމަލުކުރަން ބޭނުންނުވާ ކޮންމެ ހާލަތެއްގައި ކޯޕަރޭޓިވް ސޮސައިޓީއަކާ އެ މަސައްކަތް ހަވާލުކޮށްގެން ކުރުވުމުގެ ފުރުޞަތު އޮންނަ ކަމަށެވެ.
ގެނެވުނު ބަދަލާއި އެކު މިހާރު މި މާއްދާގައި ވަނީދައުލަތުގެ ފަރާތުން ބިޑްކުރުމަކާ ނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގަ ލިސްޓްކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކުރެވިދާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން އިސްނަގައިގެން އެޓަރނީ ޖެނެރަން، އޮޑިޓަރ ޖެނެރަލްގެ އިތުރުން އެސީސީ ވެސް ހިމެނޭގޮތަށް ކޮމިޓީއެއް އެކުލަވާލާ، އެ ކޮމިޓީގެ އެންޑޯސްމެންޓާއި އެއްކޮށް ބިޑު ކުރުމަކާއި ނުލާ މަސައްކަތް ހަވާލުކުރެވޭ އުސޫލެއް އެކުލަވާލާ ގެޒެޓު ކުރުމަށް ފޮނުވާފައިވާ ކަމަށެވެ.