މަސްވެރިންނަށް ޚާއްސަކޮށްގެން ދޫކޮށްފައިވާ ބޭންކު ކާޑު, 70 އިންސައްތަ މަސްވެރިން މިހާރު ބޭނުންކުރަމުންދާ ކަމަށް މިފްކޯއިން ބުނެފިއެވެ.
ރާއްޖެއެމްވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ވަރަށް ގިނަ މަސްވެރިން މަސްވެރިޔާ ކާޑު ބޭނުންކުރަމުން ދިޔަ ނަމަވެސް ބައެއް މަސްވެރިންގެ ކަންބޮޑުވުންތަކެއް ހުރުމުން މި ކާޑު ބޭނުން ކުރަން ދެކޮޅު ހަދާ ކަމަށެވެ.
ފައުޒީ ވިދާޅުވީ މި ކާޑަކީ ހަޤީޤަތުގައި މަސްވެރިންނަށް ވަރަށް ގިނަ ފާއިދާތަކެއް ކުރާނެ ކާޑެއް ކަމަށާއި މިއީ ފައިސާ ޖަމާކުރެވޭ އަދި ޚަރަދުތައް ކުރުމަށް ބޭނުންކުރެވޭނެ ކާޑަކަށްވާއިރު، އޭޓީއެމް އާއި ޕީއޯއެސްގައި މި ކާޑު ބޭނުންކުރެވޭނެ ކަމަށެވެ. އަދި މި ކާޑު ބޭނުންކުރުމުން މަސްކިރުވުމަށްފަހު މަސްވެރިންނަށް ފާއިސާ ދިނުމުގައިވެސް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.
އެހެންކަމުން ހުރިހާ މަސްވެރިންވެސް މިކާޑު ބޭނުންކުރުމަށް މިފްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ކާޑު ބޭނުންކުރުމަށް ބީއެމްއެލްގައި އެކައުންޓެއް އޮންނަން މަޖުބޫރެއް ނޫނެވެ. މި ކާޑާއެކު، މަސްކިރުވުމަށް ފަހު ދޯންޏަށް ލިބޭ ފައިސާއާއި މަސްވެރިންނަށް ދޭ ފައިސާގެ މުއާމަލާތްތައް ބަލާލުމަށްޓަކައި، މޯބައިލް ޕޯޓަލް އެކްސަސްއެއް، ޚިދުމަތަށް ރަޖިސްޓްރީކުރާ ކޮންމެ ދޯންޏަކަށް ވެސް ބީއެމްއެލްއިން ދޭނެ އެވެ.
މަސްވެރިޔާ ކާޑު ތައާރަފް ކުރުމުން ނަގުދު ފައިސާ އުފުލުމުގެ ރިސްކް ނަގަން ނުޖެހޭ ކަމަށާއި، މިކަމުގެ ސަބަބުން މަސްވެރިންނާއި މަސްވެރި އާއިލާތަކާއި އޮޑިވެރިންނަށް އަދި މަސް ގަންނަ ކުންފުނިތަކަށް ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.
މިކާޑު ބޭނުންކުރުމުން މަސްވެރިން ބޭންކު މެދުވެރިކޮށް ލޯނަށް ނުވަތަ ކްރެޑިޓް ސްކީމަށް އެއްޗެއް ބޭނުންވިޔަސް ފަސޭހަ ކަމާއި އެކު ލިބޭނެއެވެ. މަސްވެރިކަމުން ދައުލަތަށް ވަންނަ ފައިސާގެ އަދަދު ފަސޭހަ ކަމާ އެކު އެނގޭނެއެވެ.
މަސްވެރިޔާ ކާޑު ތައާރަފް ކުރުމުން ވަރަށް ގިނަ ކަންކަން ފަސޭހަ ވެގެންދާނެ. މިހާރު މަސްވެރިކަމުން ގައުމަށް ލިބޭ މަންފާގެ މިންވަރު ނޭނގެ. އެކަމަކު މަސްވެރިޔާ ކާޑާއެކު މިކަން ފަހިވެގެންދާނެ. މީގެ އިތުރުން މި ދާއިރާގަ އުޅެނީ ކިތައް މަސްވެރިންތޯ ވެސް އެނގޭނެމިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ
މަސްވެރިން ބޭންކިން ނިޒާމްގެ ތެރެއަށް ވަދެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.