ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ކޮވިޑް-19އާ ގުޅިގެން އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރުން މުހިންމު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ޗައިނާގެ 71 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ވީޑިއޯ ރިސެޕްޝަންގައެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު މަސައްކަތަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ކުރުން ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއި، ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކޮށް ވިޔަފާރީގެ ގުޅުންތަކާއި ދަތުރުފަތުރު އަލުން ފަށައިގަންނަން ޖެހޭ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދެގައުމުގެ ދެމެދު ދަތުރުތައް ފެށުމާއެކު ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި، އެއީ އަމާޒެއް ކަމަށެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާއިރު، އިތުރަށް ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ މި އަހަރު 48 އަހަރު ފުރުނުކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ ދެގައުމުގެ ގުޅުމަކީ ތާރީޚީ ގުޅުމެއް ކަމަށާއި، މިގުޅުން އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި މި ސަރުކާރުން ވަން ޗައިނާ ޕޮލިސީ ހިފަހައްޓާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ،
ކޮވިޑް-19ގެ ޕެންކަމިކްގައި ޗައިނާގެ ބޮޑު އެހީތެރިކަމެއް ރާއްޖެއަށް ލިބިފައިވާތީ މިނިސްޓަރު ޝާހިދު ވަނީ އެކަން ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ ކޮވިޑަށް ޗައިނާއިން އުފައްދާ ވެކްސިންގެ ރާއްޖެއަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނީ 1949 ވަނަ އަހަރެވެ.