ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ ހެންވޭރު އުތުރު ދާއިރާއަށް އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓް، ހަމްޒާ ހަސަންގެ ކެމްޕެއިން ޕޯސްޓަރ ތަތްކުރުމުގެ ހަރަކާތް އަންގާރަ ދުވަހު ހަވީރު ކުރިއަށް ގެންގޮސްފިއެވެ.
މިހަރަކާތް ފެށީ ހެންވޭރު ހިކިފިނިފެންމާގޭ މަގުމަތީ ފާރުގައި ހަރުކުރެވުނު ހަމްޒާގެ ބޮޑު ޕޯސްޓަރަކުންނެވެ. އެއަށްފަހު ހެންވޭރުގެ ބައެއް ގޭގޭގައި ވަނީ ކުދި ޕޯސްޓަރ ތަތްކޮށްފައެވެ.
މިހަރަކާތުގައި އެމްޑީޕީގެ ޗެއަރޕާސަން ހަސްނަ ލަތީފާއި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އަދި ރައީސް ނަޝީދުގެ ރަނިންގމޭޓްގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ކުރާ ކެމްޕެއިންގައި މާލޭ ސިޓީގެ ކޯޑިނޭޓަރުކަން ކުރައްވާ ޑރ މުސްތަފާ ލުތުފީގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައެއް މެންބަރުންނާއި ހެންވޭރު އުތުރަށް ނިސްބަތްވާ ބައެއް ޢާއްމު ރައްޔިތުން ބައިވެރިވިއެވެ.
ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން ކެނޑިޑޭޓް ހަމްޒާ ހަސަން ވިދާޅުވީ މިހާތަނަށް ދާއިރާގެ 90 ޕަސެންޓް ގޭގެއަށް ވަދެވިއްޖެ ކަމަށާއި ގިނަ ރައްޔިތުން މިސަރުކާރަށް ތާއީދު ނުކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އޭނާ އާއި ދެކޮޅު ނުވަތަ ހިތްހަމަނުޖެހިގެން އެއްޗެއްބުނި އެއްވެސް ގެއެއް ނެތްކަމަށާއި އިރާދަ ކުރެއްވިއްޔާ ފަސޭހަ ކަމާއެކު ގޮނޑި ނެގޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.