ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބޭފުޅު އިލްޔާސް އިބްރާހިމަށް ދީފައި އޮތް ފަޅު ރަށެއް ސަރުކާރަށް ނަގައިފި އެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ގިނަ ވުޒާރާތަކެއްގެ ވަޒީރުކަން އަދާކުރައްވާފައިވާ އިލްޔާސް ދިގު މުއްދަތަކަށް ނަންގަވާފައިވާ އދ. އަރިއަދޫ ސަރުކާރަށް ނަގާފައި ވަނީ މިމަހުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެ އެވެ.
އަރިއަދޫ އަކީ އދ. މާމިގިލި ކައިރީގައި އޮންނަ 27 ހެކްޓަރުގެ ބޮޑުމިނުގެ ރަށެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިލްޔާސް އިބްރާހިމް އެ ރަށް ނަންގަވާފައި ވަނީ ދިގު މުއްދަތަކަށެވެ. އަދި އެ ރަށް ދީފައިވާ މުއްދަތު ހަމަވެފައިނުވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށް ފިޝަރީޒް މިނިސްޓްރީން ނަގާފައި ވަނީ، އެއްބަސްވުމާ އެއްގޮތަށް ރަށުގައި މަސައްކަތް ކުރިއަށްނުދާ ކަމަށް ބުނެ އެވެ.
އިލްޔާސް އިބްރާހިމްގެ އަރިސްބޭފުޅަކު ވަނީ، އެ ރަށް ސަރުކާރަށް ނަގާފައިވާކަން ރާއްޖެއެމްވީ އަށް ކަށަވަރުކޮށް ދެއްވާފަ އެވެ.
އަރިއަދޫ ސަރުކާރަށް ނަގާފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި މާމިގިލީ ގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ މާމިގިލީ ޑިވެލޮޕްމެންޓް ސޮސައިޓީ (އެމްޑީއެސް) އިން ވަނީ އަރުއަދޫ އެ ރަށުގެ ރައްޔިތުންގެ ބޭނުންތަކަށް ހަމަޖައްސައި ދިނުމަށް އެދި ރައީސް އަބްދުﷲ ޔާމީނަށް ސިޓީއެއް ފޮނުވާފަ އެވެ.
އެ ސިޓީގައި ބުނެފައިވަނީ މާމިގިލީގައި އާބާދީ އިތުރުވެ ރަށުގެ ތަރައްގީއަށް ބިން ބޭނުންކޮށްފައި ވާތީ ރަށުގެ ރައްޔިތުން ހިތްހަމަޖައްސާލުމަށް ވެސް ކަމެއް ކުރަން ރަށުގައި ޖާގަ ނެތް ކަމަށާއި އެހެންކަމުން މާމިގިލީ ރައްޔިތުންގެ ބޭނުމަށް އަރިއަދޫ ދިނުމަށް އެދޭ ކަމަށެވެ.