އިންޑިއާ އިން ރާއްޖެއަށް ދިން ބަޖެޓް ސަޕޯޓްއަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ވެސް ގައުމަކުން ވި އެންމެ ބޮޑު މާލީ އެހީ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ފިނޭންސް މިނިސްޓަރ ވަނީ ދަތި އުނދަގޫ ވަގުތުގައި އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ވެދިން އެހީ ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން، މި އެހީ ލިބިގެން ދިޔައީ އިންޑިއާގައި ކޮވިޑް ހަލުވިކަމާއި އެކު ފެތުރެމުންދާ ދަނޑިވަޅެއްގައި ކަމަށާއި ދެގައުމު ގުޅިގެން މިކަމުން އަރައި ގަނެވޭނެ ކަމަށެވެ. އަދި ކޮވިޑް-19 ރިކަވަރީއަށް އިންޑީއާ އިން ވި މާލީ އެހީތެރިކަމުގެ ސަބަބުން ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތަކަށް ހޭދަ ކުރެވި އަދި މިކަމާއި ގުޅިގެން މާލީ ގޮންޖެހުންތައް ދިމާވެފައިވާ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
އަދި މި ސަރުކާރު ވުޖޫދަށް އައުމާއެކު ވެދިން 1.4 ބިލިއަންގެ މާލީ އެހީ އަކީ މިހާތަނަށް ރާއްޖެއަށް ތާރީހުގައި ވެސް ގައުމަކުން ލިބުނު އެންމެ ބޮޑު އެހީގެ ގޮތުގައި މިނިސްޓަރ ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެ އަށް ބަޖެޓު ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު ހަދިޔާ ކުރައްވާފައި ވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައި ގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ދެންނެވުމުންނެވެ. އަދި މި އެހީ ފޯރުކޮށްދެވިފައިވަނީ ދިވެހި ސަރުކާރަށް އެންމެ ލުއި އަދި އެންމެ ހެޔޮ ޓާމް ތަކުގެ ދަށުންނެވެ.
މާލީ އެހީތެރިކަމުގެ މި ފައިސާގެ ވާހަކަ ފުރަތަމަ އިއުލާނު ކުރެވުނީ ފޮރިން މިނިސްޓަރ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖެއިޝަންކަރުގެ މެދުގައި ބޭއްވުނު ވާޗުއަލް ބައްދަލުވުމުގެ ތެރެއިންނެވެ. އަދި އެހީ ފޯރުކޮށް ދިނުމަށް ހަމަޖެހުނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލެ ބްރާންޗް މެދުވެރިކޮށް ޓްރެޝަރީ ބޮންޑް ސޭލްއެއްގެ ގޮތުގައެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހޭނީ 10 އަހަރުގެ ރީޕޭމެންޓް ޓެނިއާ އަކަށް ފަހުއެވެ.