ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުވައްމުލަކު ސިޓީގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމަށް ދިމާވާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ފެށިފައިނުވާ ކަމަށް ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީ އަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެފިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވީ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް އަވަހަށް ހައްލު ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. ޓޭންކްތައް ފުރި މަގުމައްޗަށް ނަޖިސް ފެތުރިގެން ދިއުމަކީ ގިނަ ބަލިތަކަށް ހުށަހެޅިގެންދާ ސަބަބެއް ކަމަށްވާއިރު، މިއީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށް ލިރާރު ވިދާޅުވިއެވެ.
މޫސުން ގޯސްވެ ވާރޭ ވެހިއްޖެ ކަމުގައިވާނަމަ މުޅި ރަށުތެރޭގައި މިހާރު ހުންނަނީ ނަޖިސް ފެންކަން ފާހަގަކުރައްވައި ލިލާރު ވިދާޅުވީ ވަގުތީ ހައްލެއްގެ ގޮތުން ފުރޭ ޗެންބަރުތައް ހިއްކުމުގެ މަސައްކަތް ކުރާ ކަމަށެވެ.
ލިރާރު ވިދާޅުވީ މިމައްސަލަ ހައްލު ކުރުމަށްޓަކައި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޓީމެއް ފާއިތުވެ ދިޔަ ހަފްތާ ހާލަތު ބެލި ކަމަށެވެ. އަދި މަސައްކަތް ފެށުމުގެ ގޮތުން ސަރވޭތަކެއް ކުރިއަށް ގެންދިޔަ ކަމަށް ލިރާރު ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އަމަލީ މަސައްކަތެއް ފަށާފައިނުވާ ކަމަށާއި، ފަށާނެ ދުވަހެއް ވެސް ނޭނގޭ ކަމަށް ލިލާރު ވިދާޅުވިއެވެ.
މީގެ އިތުރުން ލިލާރު ވިދާޅުވީ މިހާރު ނަރުދަމާ ނިޒާމު އޮޕްރޭޓް ކުރުމަށް ތަމްރީން ލިބިފައިވާ މުވައްޒަފުން ނެތް ކަމަށާއި، ވަރަށް ބޮޑަށް އިހުމާލުވަމުންދާ ކަމަށެވެ. ނަމަވެސް ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ އަމަލީ މަސައްކަތް ފެށި ހައްލު ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުވައްމުލަކު ސިޓީގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް ކުރީގެ ސަރުކާރުން އަވަސް އަރުވާލައިގެން ނިންމާފައިވާ މަޝްރޫއެކެވެ. މިމަޝްރޫއަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 300 މިލައަންއަށް ގާތްކުރާ އަދަދަށް ފައިސާ ހަރަދު ކޮށްފައިވާއިރު މިކަމުގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުންނަށް ޖެހެނީ ތަކުލީފު ކަމަށް އެސިޓީ ރައްޔިތުން ދަނީ ބުނަމުންނެވެ.