އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ ގައި އޮޕަރޭޓް ކުރާ ސަފާރީތަކުގެ ފަތުރުވެރިންގެ ސާމްޕަލްތައް ނަގައި ޕީސީއާރް ޓެސްޓު ހެދޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ގުޅޭ ގޮތުން ނެޝަނަލް ބޯޓިން އެސޯސިއޭޝަން (އެންބީއޭއެމް) އިން އައްޑޫ ސިޓީ ކައުންސިލްއާ މަޝްވަރާ ކޮށްފިއެވެ.
އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވެއެވެ. މި ދުވަސްވަރަކީ އައްޑޫ އަށް މަންތާ ބަލާށާއި، ފުވައްމުލަަކަށް ޓައިގާ ޝާކް ބަލަން ފަތުރުވެރިން ގޮވައިގެން ގިނަ އަދަދެއްގެ ސަފާރީތަކެއް އެ ސަރަހައްދަށް ޖަމާވަމުންދާ ދުވަސްވަރެކެވެ.
ހުކުރު ދުވަހު، އޮންލައިންކޮށް ކުރެވުނު މަޝްވަރާތަކާއި ގުޅޭ ގޮތުން ބޯޓިންގެ ނައިބް ރައީސް އިސްމާއިލް ހަމީދު ''ރާއްޖެ.އެމްވީ'' ވިދާޅުވީ، ސަފާރީތަކުން ދަތުރު ކުރާ ފަތުރުވެރިންގެ ސާމްޕަލް ނަގަން ހުޅުމާލޭގައި ހަދާފައިވާ ކަހަލަ ހަޓެއް އައްޑޫގައި ގާއިމް ކުރުމާއި ބެހޭ ހިޔާލު ބައްދަލުވުމުގައި ހުށައަޅާފައިވާ ކަމަށެވެ. ހަޓެއް ގާއިމް ކުރެވުމުން ފުވައްމުލަކަށް ދަތުރު ކުރާ ސަފާރީތަކުގެ ފަތުރުވެރިންނަށް ވެސް އެ ހަޓުން ސާމްޕަލް ނެގި އެ ފަތުރުވެރިންނަށް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ، ބޯޓިން އިން ހުށައެޅި ކަންތައްތަކާއި މެދު އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގުގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ގޮތުގައި އައްޑޫގައި ކޮވިޑަށް ޓެސްޓު ހެދޭއިރު ކެޕޭސިޓީ ހުރި ވަރަކުން އައްޑޫގައި ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެހެން ހަމަ ނުޖެހިއްޖެނަމަ ސާމްޕަލްތައް މާލެ ފޮނުވައިގެން ފަތުރުވެރިންނަށް ނަތީޖާ ފޯރުކޮށް ދެވޭނެ ގޮތާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
ބޯޓިން އިން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު އަފްރާހު އާއި އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުއާ އެޗްޕީއޭގެ ފަރާތުން ޑރ. އަލީ ލަތީފްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އައްޑޫ އަދި ފުވައްމުލަކަށް ދަތުރު ކުރާ ސަފާރީންގެ ސާމްޕަލް ނެގޭނެ އިންތިޒާމް ހަމަޖެއްސުމާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާއިރު، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރާ ފަތުރުވެރިންގެ ސާމްޕަލް ހުޅުމާލެއިން ނެގޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.