މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ނޫ އިޤްތިސާދު ކަމަށާއި އެކަންތައް ހާސިލު ކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރި ކުރެވޭނެ ގޮތްތައް ހޯދައިގެން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ޑރ. ހުސައިން ރަޝީދު މިހެން ވިދާޅުވީ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެސަރޓިފިކޭޝަން (ޔޫއެންސީސީޑީ) އާއި ކޮމަންވެލްތް ގުޅިގެން ބޭއްވި ހައިލެވެލް މިނިސްޓީރިއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދުނިޔެ ހޫނުވުމާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަ ހުދުވުމުގެ އިތުރުން މޫދުގެ ބައެއް ދިރުންތައް ނެތި ދިއުން ފަދަ ކަންތައްތަކާއި ރާއްޖެފަދަ ޖަޒީރާ ޤައުމުތަކާއި ކުރިމަތިލާން ޖެހޭ ކަމަށާއި އެހެންކަމުން ޕެރިސް އެގްރީމަންޓުގައި ވާގޮތަށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީއަށްވުރެ އިތުރުވިޔަ ނުދިނުމަށް ހުރިހާ ޤައުމުތަކުގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ނޫ އިޤްތިސާދު ކަމަށާއި އެކަންތައް ހާސިލު ކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރި ކުރެވޭނެ ގޮތްތައް ހޯދައިގެން ކަމަށެވެ. އަދި ތިމާވެށި ރައްކާތެރި ކުރުމަށް މިހާރު ވެސް ރާއްޖެއިން ގިނަގުނަ ކަންތައްތައް ކުރަމުންގެންދާކަން ފާހަގަކުރަމުން މިނިސްޓަރ ވިދާޅުވީ ޤުދުރަތީ ގޮތުން ޚާއްސަ ސިފަ ލިބިފައިވާ ތަންތަން ހިމާޔަތް ކުރަމުން ގެންދާ ކަމަށެވެ. އަދި މިކަންތައްތައް ހާސިލު ކުރުމަށާއި ރާއްޖޭގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެކަށީގެންވާ ފައިސާގެ އެހީ ބޭނުންވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލާއިރު ރާއްޖެ ފަދަ ބިންތިރި ޤައުމަކަށް މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ބޭނުންވާ ފައިސާގެ އެހީ ނުލިބޭނަމަ ދިމާވާނެ ގެއްލުންތަކާއި ގުޅޭގޮތުން މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އެހެނިހެން ގޮތްގޮތުން ވެސް ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބެމުންދާ ކަމަށާއި މިކަންކަން ހައްލު ކުރަން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ބައްދަލުވުމުގައި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ ތިމާވެއްޓާ ބެހޭ ވަޒީރުންނާއި، ތިމާވެއްޓާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ އިސްވެރިންނާއި އަދި ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ ވެސް މަންދޫބުން ބައިވެރިވެފައިވެއެވެ.