ކާނަލް އަބްދުލް ރައުފު މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ޑިފެންސް އެޑްވައިޒަރުގެ މަގާމާ ހަވާލުވަޑައިގެންފިއެވެ.
އެމްއެންޑީއެފުން ބުނީ މިއީ އަލަށް އުފެއްދި މަގާމެއް ކަމަށެވެ. ހުކުރު ދުވަހު ކާނަލް އަބްދުލް ރައުފަށް ވަނީ ފަތްކޮޅު އަރުވާފައެވެ. ފަތްކޮޅު އެރުއްވި ރަސްމިއްޔާތަށްފަހު ކާނަލް އަބްދުލް ރައުފު މެލޭޝިޔާގެ އަސްކަރީގެ އިސްވެރިންނާ ބައްދަލު ކުރައްވާ ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ހަރުދަނާ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
މިކަމުގެ ސަބަބުން މެލޭޝިޔާ އާއި ރާއްޖެއާ ދެމެދު ޑިފެންސް އަދި ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އަދި މިހާރު އޮތް މިލިޓަރީ ގުޅުން އިތުރަށް ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
ރާއްޖޭގެ އަސްކަރީ ގުޅުން ވަރުގަދަ ކުރުމަށް އެކި ގައުމުތަކާއެކު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ދިވެހި ސިފައިން ދަނީ އެގައުމުތަކައި އެކި ތަމްރީންތައް ފުރިހަމަ ކުރަމުންނެވެ.