އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް އެކުލެވޭތީ އެ މައްސަލަ ތަހުގީގުކޮށް ނިންމައި، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު މައްޗަށް ދައުވާ ކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އަށް ފޮނުވައިފިއެވެ.
ބުރާސްފަތި ދުވަހު މި މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި ފޮނުވާފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރުގެ އިތުރުން އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށެވެ.
ޒިކްރާ މިސްކިތް އަލުން އިމާރާތްކޮށް އެތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލު ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެ މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއު އަށް 130 މިލިއަން ރުފިޔާ އަރާނެ ކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދީފައެވެ.
މި މައްސަލާގައި ޒިޔާދުގެ މައްޗަށް ތިން ދައުވާއެއް އުފުލައި ދިނުމަށް އޭސީސީން ވަނީ ޕީޖީ ގައި އެދިފައެވެ. އެއީ ގާނޫނުލް އުގޫބާތުގެ 512 މާއްދާ އާއި 513 ވަނަ މާއްދާގެ (ށ) ގެ އިތުރުން ކޮރަޕްޝަން ހުއްޓުވުން މަނާ ކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުންނެވެ.
ގާނޫނުލް އުގޫބާތުގެ 512 ވަނަ މާއްދާގެ ދަށުން ޒިޔާދު އަށް އުފުލާފައިވާ ދައުވާ އަކީ ދައުލަތުގެ މުވައްޒަފަކަށް ހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާ ކުރުމުގައި އެނގި ހުރެ ގާނޫނުގައިވާ ގޮތުގެ މަތިން އަދާކުރަން ޖެހޭ ވާޖިބެއް އަދާނުކޮށް ދޫކޮށްލުން ނުވަތަ ގާނޫނުގައި ހުއްދަ ކޮށްފައިނުވާ ކަމެއް ކުރުން ނުވަތަ ގާނޫނުގައި ހުއްދަ ކޮށްފައިނުވާ ކަމެއް ކުރުމެވެ. އެ ކުށަކީ ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
513 ވަނަ މާއްދާގެ (ށ) ގެ ދަށުން ޒިޔާދުގެ މައްޗަށް އުފުލާފައިވަނީ ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާ އަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައި ދިނުމުގެ މަގްސަދުގައި، އެކަން ކުރުމެވެ. އެ ކުށަކީ، ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.
ޒިކުރާ މިސްކިތުގެ މައްސަލަ އަށް ބަލާއިރު އޭނާ އަށް އުފުލޭ ދައުވާ މި ދެ މާއްދާގެ ތެރެއަށް ފެތެނީ، ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެދި ރައީސް އޮފީހުގައި އެދިފައި ވަނިކޮށް އެ ހުއްދަ ނުލިބެނީސް ތިން ޕްރޮޕޯސަލް އެއް ތައްޔާރުކޮށް އެ ޕްރޮޕޯސަލް ތަކުުގެ ތެރެއިން އެސްޖޭ ކޮންސްޓްރަކްޝަން އިން ހުށައަޅާފައިވާ ޕްރޮޕޯސަލްތަކަކީ ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ ކަމަށް ބަޔާންކޮށް، އެ މަޢުލޫމާތު ރައީސް އަށް ފޮނުވާ ޕްރޮސެސް އަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއްކަން ދައްކަން ކަމަށް ގަބޫލު ކުރެވޭތީ ކަމަށް އޭސީސީން ބުންޏެވެ.
އެކަމަކު އެ ޕްރޮޕޯސަލް ތަކަކީ ކިހިނެއް ހޯދާފައިވާ ޕްރޮޕޯސަލްތަކެއްކަން މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތުމުންނާއި، އެ މަސައްކަތުގައި ބައިވެރިވާ އެއްވެސް މުވައްޒަފަކު އެ ޕްރޮޕޯސަލްތައް ހޯދުމުގައި ބައިވެރިވެފައިނުވާކަން އޭސީސީގެ ތަހުގީގަށް އެނގިފައިވާތީ ކަމަށެވެ. އަދި އެ މަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައި ދީފައިވާކަން ތަހުގީގަށް ލިބިފައިވާ ހެކިތަކުން އެނގޭތީ ކަމަށް އޭސީސީން ޕީޖީގެ އޮފީހަށް ފޮނުވާފައިވާ ދައުވާގައި ބުންޏެވެ.
ކޮރަޕްޝަން ހުއްޓުވުން މަނާ ކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދަގެ ދަށުން ޒިޔާދުގެ މައްޗަށް ދައުވާ އުފުލައިދޭން އޭސީސީން ޕީޖީގައި އެދިފައިވާއިރު، އެ މާއްދާގައި ބުނާ ގޮތުން ސަރުކާރުގެ އެއްވެސް މުވައްޒަފަކު ރައްޔިތުންނަށް ނުވަތަ ދައުލަަތައް ފައިދާއެއް ލިބެން އޮތް އެއްވެސް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް ނުވަތަ ލިބެން އޮތް އެއްވެސް އުނިކަމެއް ލިބޭ ގޮތަށް ނުވަތަ އެކަމަކުގެ ފައިދާއެއް ނުވަތަ ފައިދާ އިން ބައެއް މުވައްޒަފަކު ނުވަތަ އެ މުވައްޒަފެއްގެ އަންބަކަށް ނުވަތަ ފިރިއަކަށް ލިބޭ ގޮތް ކުރުމަކީ ކުށެކެވެ. ޒިޔާތުގެ މައްޗަށް މި ކުށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި ފަސް އަހަރުގެ ޖަަލު ހުކުމެއް އޭނާ އަށް އަންނާނެއެެވެ.
ޒިކުރާ މިސްކިތަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަބްދުﷲ ޔާމީންގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީގެ ހަނދާނުގައި 1980ގެ އަހަރުތަކުގެ ކުރީކޮޅު އިމާރާތް ކުރި މިސްކިތެކެވެ.