ސުޕްރީމް ކޯޓުގެ 12 އަހަރުގެ ހަޔާތުގެ ތެރޭގައި އެންމެ ގިނަ މައްސަލަތައް ބަލައި ނިންމާފައިވަނީ ފާއިތުވި އަަހަރުގެ ތެރޭގައިކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.
މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެންމެ މަތީ ކޯޓުގެ ދައުރު ކަނޑައެޅިފައިވާ މަފްހޫމާ އެއްގޮތަށް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އުފެދިފައިވަނީ 2008 ވަނަ އަަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ހުކުރު ދުވަހު ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި އުއްތަމަ ފަނޑިޔާރު ވަނީ އެ ކޯޓުގެ ތަފާސް ހިސާބުތައް ހާމަކުރައްވާފައެވެ. ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 އިން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 250 އެއް އަޑުއެހުން ބޭއްވިފައިވާ ކަމަށް ވިދާޅުވިއެވެ.
ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި ނިމުނު މައްސަލައިގެ އެވަރޭޖް އަކީ 24 ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި 49 މައްސަލައެއްގައި ހުކުމް ކުރެވިފައިވާކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. ކޯޓަށް ބަލައިގަތުމާއި މެދު 13 މައްސަލައެއް ގައި ގޮތް ނިންމާ ފަސް މައްސަލައެއް އިޖުރާއިގޮތުން ބަލާފައިވާ ކަމަށް ކޯޓުގެ ތަފާސް ހިސާބުތައް ހާމަކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. މިއީ ކުރީ އަހަރުގެ އެވަރޭޖްއާ އަޅާބަލާއިރު 10.34 އިންސައްތައިގެ ކުރިއެރުމެެކެވެ.
ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ މަޝްވަރާ އާއި ފުރިހަމަ އެއްބާރުލުމާއި އެކީ އަޅުގަނޑުމެން އަލަށް ފަށައިގަތް މަސައްކަތް ނަތީއްޖާ ވަރަށް ކާމިޔާބު. ފާއިތުވި 12 އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހިނގަމުންމިދާ 2020 ވަނަ އަހަރަކީ ސުޕްރީމް ކޯޓުގެ ހަޔާތުގައު އެންމެ ގިނަ މައްސަލަތައް ތާޥަލް ކުރެވި އެންމެ ގިނަ އަޑު އެހުންތައް ބޭއްވުނު އަހަރުއަދި ފާއިތުވި 12 އަހަރުގެ މާޒީގައި އެންމެ ގިނައިން މައްސަލަތައް ސުޕްރީމް ކޯޓުން ނިންމާފައިވަނީވެސް މި އަހަރުގެ ތެރޭގައި.އަހުމަދު މުއުތަސިމް އަދުނާން - އުއްތަމަ ފަނޑިޔާރު
މުއްތަސިމް އަދްނާން ވިދާޅުވީ، އެންމެ މަތީ ކޯޓަށް 12 އަހަރު ފުރުން ފާހަގަކުރަމުންދާއިރު އިޖާދީ އަދި ހާމަކަަން ބޮޑުގޮތެއްގައި ޝަރީޔަތް ހިންގުމުގެ އަައު ގޮތްތަކެއް އަލަށް ތައާރަފް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިއަަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ވީޑިއޯ ކޮންފަރެންސް ބާއްވަން ފެށިކަން ފާހަގަކުރެއްވިއެވެ. އަދި އިތުރު ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މައްސަލަ ހުށައަޅާއިރު ގިނަ އަދަދެއްގެ ކޮޕީ ހުށައަޅަން އޮތް އޮތުން މިހާރު ވަނީ ނިމުމަކަށް ގެނެވިފައި. އަދި ހަސްމުންނަށް ފަސޭހަވާނެ ގޮތްތައް ހަމަޖެއްސުމުގެ ގޮތުން ޝަރީއަތާއި ގުޅުންހުރި ފޯމްތަކާއި ލިޔެކިޔުންތަކަށް ގެންނަން ޖެހޭ ބަދަލުތައް ވަނީ ގެނެވިފައި. އިންފޮމޭޝަން ޓެކްނޮލޮޖީގެ އައު ތަސައްވުރާއި އެކު އަޅުގަނޑުމެންގެ މަސައްކަތް ކުރަމުންގެންދަނީ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީސްތައް ޕޭޕަލެސް ކޮށް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހަކަމާއި އެކު ހަލުވި ކަމާއި އެކު ކޯޓުގެ މަސައްކަތް ބައްޓަން ކުރުމަށް.އަހުމަދު މުއުތަސިމް އަދުނާން - އުއްތަމަ ފަނޑިޔާރު
ކޮވިޑް-19 މި ދަނޑިވަޅުގައި މިހާ ފުރިހަމަ ނަތިއްޖާއެއް ހާސިލްވެގެން ދިޔައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ހުއްޓުމެއް ނެތި ކުރަމުންދާ ބުރަ މަސައްކަތުން ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ފަނޑިޔާރުންގެ އިތުރުން ކޯޓުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.